ކަނޑުފަޅުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާާ ޤައުމުތަކުން ކުރާ މަސައްކަތްތަކަށް އަތްފޯރާ ފަށުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ. ވަޒީރު މިކަމަށް ގޮވާލެއްވީ އދ. ގެ އޯޝަން ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ކަނޑަކީ ދިވެހީންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ ވަސީލަތެއް ކަމަށެވެ. ރާއްޖޭގެ ކަނޑުތަކުން ބާނާ މަހަކީ ހަމައެކަނި އިޤުތިޞާދީ ކަމެއް ނޫން ކަމަށާއި އެއީ ދިވެހިންގެ ސަގާފަތުގެ ރަމްޒެއް ކަމަށް ވިދާޅުވިއެވެ.
ކަނޑުތައް ނުރައްކަލަށް ހުށަހެޅިފައިވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމާއި މުރަކަތައް މަރުވުމަކީ މިއަދު ހަމައެކަނި ސައިންސުވެރިން ފާހަގަކުރާ ކަންބޮޑުވުމެއް ނޫންކަމަށާއި އެއީ ދިވެހީން ދިރިއުޅުމުގައި ހަގީގަތެއް ކަމަށެވެ. އެ ގެއްލުންތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރާ އެއް ޤައުމަށް ރާއްޖެ ވީނަމަވެސް އެނުރައްކަލުން އަރައިގަތުމަށް ފިޔަވަޅު އެޅުމުގައި ރާއްޖޭން އަބަދުވެސް ކުރީސަފުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މިހާތަނަށް 93 ސަރަހައްދެއް ރައްކާތެރިކޮށް އދ. ގެ އޯޝަން ކޮންފަރެންސްގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކާމިޔާބީ ހާސިލްކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކު ބޭންނުން ކުރުން ހުއްޓާލުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ކަނޑާ ގުޅުންހުރި މުހިންމު ނިންމުންތަކުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބަސް ހިމެނިގެންދާކަން ކަށަވަރު ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އަދިވެސް މާލީ އެހީތެރިކަން ހޯދުމުގައި ގޮންޖެހުންތައް ހުންނަ ކަމަށާއި އެފަދަ ޤައުމުތަކަށް އަތްފޯރާ ފަށުގައި މާލީއެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީވެފައިވާ ޤައުމުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ގޮވާލައްވާ ކަމަށެވެ.
މީގެ އިތުރުން ދަރަނިވެރިވެފައިވާ ޤައުމުތަަށްވެސް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ކަނޑުގެ ވަސީލަތްތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ދެވޭ ލޯނުތައް މައާފުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.އެއީ އެންމެ އިންސާފުވެރި ގޮތެއްކަމަށާއި، ކުދި ޤައުމުތަކުން އެހީދެވޭކަންކަމުގައި ނަތީޖާ ދައްކަމުން އަންނަކަންވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.
އެކުލަވައިލާ މުއާހަދާތަކަކީ ކާމިޔާބީތައްކަމުގައި ބެލުމުގެ ބަދަލުގައި ހާސިލް ކުރެވޭ ނަތީޖާތަކުން ކާމިޔާބީ ފާހަގަކުރުމަށްވެސް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ އޯޝަން ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ގޮވާލައްވާފައެވެ.