ޚަބަރު

ރާއްޖެއާއި ލަންކާގެ ޚާރީޖީ ގުޅުމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަނީ


  • ލަންކާއަކީ ރާއްޖެއިން ރަސްމީކޮށް ޚާރިޖީގުޅުން ގާއިމުކުރި ފުރަތަމަ ޤައުމުތަކުގެ ތެރެއިން އެއް ޤައުމު

  • ތަޢުލީމާއި އެނޫން ބޭނުންތަކުގައިވެސް ގިނަ ދިވެހިންތަކެއް ލަންކާގައި ދިރިއުޅޭ

  • ދެ ޤައުމަކީވެސް ވިޔަފާރިއާއި ސަޤާފަތާއި އާދަކައިދައިގެ ގޮތުން ގުޅިފައިވާ ދިގު ތާރީޚެއް އޮތް ދެ ޤައުމު

ދިވެހިރާއްޖެއާއި ސްރީލަންކާގެ ޚާރީޖީ ގުޅުމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެއެވެ.

ސަފީރު މިފަދައިން ވިދާޅުވީ، ސްރީލަންކާގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އަވަށްޓެރި ސްރީލަންކާއަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އެއް ޤައުމެވެ. އަދި ދިވެހިންގެ ބޮޑު އާބާދީއެއްވެސް ދިރިއުޅެމުންދާ ޤައުމެކެވެ. ރާއްޖެއަށް އިނގިރޭސީންގެ ޚިމާޔަތުން ނެއްޓި ފުރިހަމަ މިނިވަންކަން ލިބުމާއެކު ރަސްމީ ސިފައެއްގައި ޚާރިޖީގުޅުން އެންމެ ފުރަތަމަ ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. އެގޮތުން މިއަހަރަކީ ރާއްޖޭގެ މިނިވަންކަމުގެ އިތުރުން ރާއްޖެއާއި ލަންކާގެ ޚާރިޖީގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވީ، ރާއްޖެއާއި ލަންކާއަކީ ވަރަށް ޒަމާންވީ ގާތްގުޅުމެއް އޮތް ދެ ޤައުމުކަމަށާއި، ވިޔަފާރިއާއި އެނޫން ގޮތްގޮތުންވެސް މުއްސަނދި ތާރީޚެއް ހިއްސާކުރާ ދެ ޤައުމުކަމަށެވެ. އަދި މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީގުޅުމަށް 60 އަހަރުފުރޭ އަހަރުކަމުން، މިނިވަން ދުވަހުގެ ހަރަކާތްތަކާއެކު އެކީގައި ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ދިވެހި ހައިކޮމިޝަންގެ ފަރާތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ސަފީރު ވިދާޅުވީ، މި އަހަރަކީ ދެ ޤައުމުގެ ގުޅުމަށްވެސް މުހިންމު ތާރީޚީ އަހަރެއްކަމުން، އެކަން ފާހަގަކުރުމަށްޓަކާ ހައިކޮމިޝަނުން އިސްނަގައިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނާގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ރާވަމުންދާކަމަށެވެ. އަދި މި ހަރަކާތްތަކަކީ ދެ ޤައުމުގެ ގުޅުމުގެ މުހިންމުކަން ރަމްޒުކޮށްދޭނެ ހަރަކާތްތަކެއްކަމަށާއި، މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނަށް ދަޢުވަތު އަރުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

"ދެ ޤައުމުގެ ގުޅުމަށްވެސް ވަރަށް މުހިންމު ތާރީޚެއް މިއީ 26 ޖުލައި 2025 އަކީ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ވީހާވެސް ބަޖެޓަށް އަސަރުނުކުރާނެ ގޮތަކަށް މިކޮޅުގައި ހަރަކާތްތެރިވާ ދިވެހިންނާގުޅިގެން ވަރަށް ނަލަކޮށް ޖުލައި 26 ފާހަގަކުރަން. މީގަ އިންނާނެ 2 ތީމެއް. އެކައްޗަކީ އަޅުގަނޑުމެންގެ މިނިވަންކަމަށް 60 އަހަރުފުރުން ފާހަގުރުން. ހަމައެއާއެކު ރާއްޖެއާއި ލަންކާގެ ގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރު. ދެޤައުމުގެ ގުޅުމަށްވެސް ވަރަށް މުހިންމު ހަރަކާތަކަށްވާނެ. ފުދޭވަރަކަށް ގިނަ ޑިޕްލޮމެޓުންނަށާއި ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނަށް ދަޢުވަތު އެރުވޭނެ. އުއްމީދު މިކުރަނީ މިކޮޅުގެ ރައީސްވެސް ވަޑައިގަންނަވާނެކަމަށް." ސަފީރު މަސްޢޫދު ވިދާޅުވިއެވެ.

ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވީ، ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް ލަންކާގައި ދިރިއުޅޭ ދިވެހިންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަށް އިސްކަމެއްދެއްވާކަމަށެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢުގެ އިޖްތިމާޢީ ގުޅުން ބަދަހިކޮށް، ވަރުގަދަކުރުމަށް އެ ޤައުމުގައި ހުންނަ ރާއްޖޭގެ ކަލްޗަރަލް ސެންޓަރާއި ދިވެހި ހައިކޮމިޝަން ގުޅިގެން މަސައްކަތްކުރަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.