ޖޫން 9ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޔަހޫދީ ބާރުތަކުން ވަނީ އެހީގެ ސާމާނާއެކު ފަލަސްޠީނުގެ ޣައްޒާއަށް ދަތުރު ކުރަމުން ދިޔަ އުޅަނދު، މަަދްލީން، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން ހިފަހައްޓައިފައެވެ. ހައިހޫނުގައި ޖައްސައި ނިކަމެތި ކޮށްލާފައިވާ ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކާބޯތަކެތި ހިފައިގެން އެ ސަހަރަށް ދަތުރު ކުރަމަށް، ހަތް ޤައުމަކަށް ނިޞްބަތްވާ 12 އެކްޓިވިސްޓުން ގޮވައިގެން މަދްލީން ޣައްޒާާ ދިމާލަށް ދިޔުމަށް މިސްރާބު ޖެހީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ޔޮޓުގައި ތިބި އެކްޓިވިސްޓުންގެ ތެރޭގައި ސްވީޑެންގެ ރައްޔިތެއް ކަމަށްވާ ގްރިއެތަ ތުންބަރީ ވެސް ހިމެނެއެވެ .ގްރިއެތަ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރާތީ ޔަހޫދީ ސިޔާސީވެރިން ހިމެނޭހެން އެތައް ބައެއްގެ މަލާމާތް އޭނާއަށް ރައްދުވެއެވެ.
މަދްލީންގެ ދަތުރު އިންތިޒާމް ކޮށްފައި ވަނީ ފްރީޑޮމް ފްލޮޓިއްލާ ކޯލިޝަން ނުވަތަ އެފްއެފްސީންނެވެ. އެފްއެފްސީއަކީ ޣައްޒާގެ ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޖަމުޢިއްޔާއެކެވެ. މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ޣައްޒާއަށް މިސްރާބު ޖެހި އެފްއެފްސީގެ ބޯޓެއް ކަމަށްވާ ކޮންޝަންސަށް މޮލްޓާގެ ކަނޑުގެ ސަރަޙައްދުގެ ތެރެއިން ވަނީ ޑްރޯން ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ލިބުނު ގެއްލުމުގެ ބޮޑުކަމުން ޣައްޒާއަށް ދިޔުމަށް އެ ބޯޓުން ކުރަމުންދިޔަ މަސައްކަތް ކުރިއަށް ނުގެންދެވި، ޖެހުނީ އެ މަސައްކަތް ހުއްޓާލައިށެވެ.
މަދްލީންގައި ހުރި އެހީގެ ސާމާނުގެ ޢަދަދަކީ ރަމްޒީ ޢަދަދެކެވެ. އެ ޔޮޓުގައި ހުރި އެހީގެ ސާމާނުން ބަނޑަށް ޖެހިފައިވާ ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންނަށް މާ ބޮޑު ފައިދާއެއް ނުކުރާނެއެެވެ. އދން އަންދާޒާ ކުރާ ގޮތުގައި، ޣައްޒާއަށް ދުވާލެއްގެ މައްޗަށް މަދުވެގެން 500 ބޮޮޑު ލޮރީގެ އެހީގެ ސާމާނު އެތެރެ ކޮށްގެން ނޫނީ ޣައްޒާގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ނުފުއްދޭނެއެވެ. ހަމައެއާއެކު، މަދްލީންގެ ދަތުރު ފެށި ހިސާބުން ވެސް ނިރުބަވެރި ޔަހޫދީ ފައުޖުތަކުން އެ ޔޮޓު ޣައްޒާގެ އައްސޭރިއާ ހަމައަށް ފޯރިޔަ ނުދޭނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ.
ކަން އެހެން އޮތް ނަމަވެސް، މަދްލީނުން ކުރި މަސައްކަތަކީ މުހިންމު މަސައްކަތެކެވެ. މަދްލީނުން މުޅި ދުނިޔެއަށާއި، ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުން ހުއްޓުވުމަށް ބައިނަލްެއަޤްވާމީ ޤަވާއިދުތަކާ އެއްގޮތަށް މަސައްކަތް ކުރުމަށް ދެކޮޅުހަދާ ސަރުކާރުތަކަށް ދައްކުވައިދިނީ ޣައްޒާގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ވޭން ހަނދާން ނަައްތައިނުލާނެ ކަމެވެ. މަދްލީން މެދުވެރި ކޮށް ޣައްޒާއަށް ކުޑަ މިންވަރެއްގެ ކާބޯތަކެތި ގެންދިޔުމަށް އެފްއެފްސީން މަސައްކަތް ކުރީ ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކުގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ ޣައްޒާގެ ރައްޔިތުން ބަނޑަށްޖެހެމުންދާ ކަން ދުނިޔެއަށް ހާމަ ކޮށްދިނުމަށެވެ. އަދި، ޣައްޒާގެ ފުރަބަންދު އުވައިލުމަށް ޔަހޫދީންނަށް ބާރު އެޅުމަށެވެ.
އެފްއެފްސީއަކީ ޔަހޫދީން އެކަހެރިކޮށް ބަންދު ކޮށްފައިވާ ޣައްޒާ ޔަހޫދީންގެ އަތްދަށުން ސަލާމަތް ކުރުމަށް ފާއިތުވި 15 ވަރަކަށް އަހަރު މަސައްކަތް ކޮށްފައިވާ ޖަމްޢިއްޔާއެކެވެ. އެފްއެފްސީގެ ދަށުން 2010ވަނަ އަހަރުގެ ތެރޭގައި ވެސް ޣައްޒާއަށް ދިޔުމަށްޓަކައި ހަ ބޯޓެއް ވަނީ ތުރުކީވިލާތުން ފުރާފައެވެ. ނަމަވެސް މަދްލީނެކޭ އެއްގޮތަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އޮއްވައި ޔަހޫދީން ވަނީ އެ ބޯޓުތައް ވެސް ހިފަހައްޓާފައެވެ.
ޣައްޒާއަށް ދިޔުމަށް އެ ފަހަރު ފުރި ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ބޯޓު ކަމުގައިވާ މާވީ މަރްމަރާ ހުއްޓުވައި ޔަހޫދީން ވަނީ އެ ބޯޓަށް އަރައިގެންފައެވެ. އެ އުޅަނދުގައި ތިބި ތުރުކީވިލާތަށް ނިޞްބަތްވާ ނުވަ އެކްޓިވިސްޓުންނާއި ނޫސްވެރިން ގަޔަށް ބަޑިޖަހައި ވަނީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައެވެ. މިއަދާ ހަމައަށް ވެސް މާވީ މަރްމަރާގައި ތިބި މީހުންނަށް އިންސާފު ހޯދައި ދެވިފައެއް ނުވެއެވެ.
މާވީ މަރްމަރާއަށް ދިން ޙަމަލާއަށް ފަހު މި ޒަމާނުގެ މަޝްހޫރު ފަލްސަފާވެރިޔާ ނައޯމް ޗޮމްސްކީ ލިޔުނެވެ: “ސައިފްރަސްއާއި ލުބުނާނާ ދެމެދު އޮންނަ ކަނޑުގެ ސަރަޙައްދުން ދަތުރު ކުރާ އުޅަނދުތައް ޔަހޫދީން ހުއްޓުވައި އެ އުޅަނދުތަކަށް އަރައިގަނެ، އެ އުޅަނދުތަކުގައި ދަތުރުކުރާ މީހުން މަރާތާ އެތައް އަހަރެއް ވަނީ ވެފައެވެ. ބައެއް ފަހަރު އުޅަނދުތަކުގައި ތިބޭ ވަގަށް ނަގައެވެ. އެ ގޮތަށް ވަގަށް ނަގާ މީހުން ބައެއް ފަހަރު ޔަހޫދީ ޖަލުތަކަށް ގެންދެއެވެ. އޭގެ ތެރޭގައި ސިއްރު ޖަލުތަކާއި އަނިޔާ ކުރުމަށް ޚާއްޞަ ތަންތަން ވެސް ހިމެނެއެވެ. ބައެއް ފަހަރު އެތައް އަހަރެއް ވަންދެން ރަހީނުންގެ ގޮތުގައި އެ މީހުން ބައިތިިއްބައެވެ. އިސްރާއީލުން އެ ފަދަ ޖަރީމާތައް ހިންގަނީ އަދަބު ނުލިބޭނެ ކަމުގެ ޔަޤީން ކަން އެ ޤައުމަށް އޮންނާތީއެވެ. އެއީ އެމެރިކާއިން އެ މީހުން ހިންގާ ޖަރީމާތަކާމެދު އަޅާނުލާތީއެވެ. ވިލާތުގެ ޤައުމުތަކުން ވެސް އާންމު ކޮށް ޢަމަލު ކުރަނީ އެމެރިކާއިން ޢަމަލު ކުރާ ގޮތަކަށެވެ.”
ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މާވީ މަރުމަރާއާއި މަދްލީންއާ ދެ އުޅަނދު ވެސް ހިފެހެއްޓުމުގެ ޙުއްދަ ޔަހޫދީންނަށް ލިބިގެނެއް ނުވެއެވެ. ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ތިބި ބައިނަލްއަޤްވާމީ އެކްޓިވިސްޓުންތަކެއް ހައްޔަރު ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް ޔަހޫދީންނަށް ލިބިގެނެއް ނުވެއެވެ. ފަލަސްޠީނާއި އެމެރިކާއަށް ނިޞްބަތްވާ ވަކީލެއް އަދި އެފްއެފްސީގެ އިސް ބޭފުޅެއް ކަމަށްވާ ހުވައިދާ އައްރާފް ވިދާޅުވީ މަދްލީންގައި ތިބި ދަރުމަވެރިންނަކީ އިސްރާއީލުގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ބައެއް ނޫން ކަމަށާއި، ބަޔަކަށް އެހީގެ ސާމާނު ފޯރު ކޮށްދިނުމަކީ ނުވަތަ ޤާނޫނާ ޚިލާފަށް ބައެއް ބަންދު ކޮށްގެން ގެންގުޅޭ ގެންގުޅުމަށް ފާޅުގައި ގޮން ޖެހުމަކީ އެ މީހުންނަކީ މުޖުރިމުންނަށް ހަދައި އަދަބު ދެވޭނެ ސަބަބެއް ނޫން ކަމަށެވެ. މަދްލީން ހިފަހައްޓައި އޭގައި ދަތުރު ކުރި އެކްޓިވިސްޓުން ބަންދު ކުރުމަކީ ޤާނޫނާ ޚިލާފު އަދި ވަގުތުން ވަގުތަށް ނިމުމަކަށް ގެންނަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާ އޮންނަނީ މެޑިޓެރޭނިއަން ކަނޑުގަައެވެ. ނަމަވެސް އެ ސަހަރު އަވަށްޓެރި އެހެން ޤައުމުތަކާ މުޅިން އެކަހެރިކޮށް ބަންދުވެފައި އޮންނަތާ އެތައް ގަރުނެއް ވަނީ ވެފައެވެ. ޔަހޫދީން ވަޔާއި އެއްގަމާއި ކަނޑުގެ މަގުން ޣައްޒާ ބަންދު ކުރަން ފެށީ 2007ވަނަ އަހަރުގައި ނަމަވެސް އޭގެ ކުރިން ވެސް ޔަހޫދީންގެ ކަނޑުގެ ސިފައިން ދިޔައީ ޣައްޒާގެ އައްސޭރި ފަށް ބަލަހައްޓައި އެ ސަރަޙައްދު ބޭނުން ކުރެވޭ މިންވަރު ހަނި ކުރަމުންނެވެ.
1993ވަނަ އަހަރު ޤާއިމު ކުރި އޮސްލޯ އެކޯޑުގައި ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އަމިއްލަ ކަނޑުތަކުގެ މައްޗަށް ފުރިހަމަ މިނިވަންކަމާއި އިސްތިޤުލާލު ލިބި ދީފައެއް ނުވެއެވެ. އދގެ ކަނޑުގެ ޤަވާއިދާބެހޭ މުއާހަދާގައި ކަނޑައަޅާފައިވާ ގޮތުން އިސްތިޤުލާލު އޮންނަ ކޮންމެ ޤައުމަކަށް އެ ބިމަކުން ފެށިގެން 200 ނޯޓިކަލް މޭލުގެ ސަރަޙައްދެއް އެ ޤައުމަކަށް ލިބިގެންވެއެވެ. ނަމަވެސް ޣައްޒާގެ ރައްޔިތުންނަށް ބޭނުން ކުރެވެނީ އެ ސަހަރުގެ ގޮނޑުދޮށުން ފެށިގެން އެންމެ 20 ނޯޓިކަލް މޭލު، ނުވަތަ 37 ކިލޯމީޓަރުގެ ސަރަޙައްދެކެވެ. އެއީ އެހެން ޤައުމުތަކަށް ލިބޭ 200 ނޯޓިކަލް މޭލުގެ އެންމެ 10 އިންސައްތައެވެ. ޣައްޒާގެ ރައްޔިތުން މަސްވެރިކަން ކޮށް ހިތްއުފާ ކޮށް، ޤުދުރަތީ ގޮތުން އުފެދޭ ގޭސް ވެސް ނަގަން ޖެހެނީ މި ކުޑަ ސަރަޙައްދުގެ ތެރެއިންނެވެ.
ނަމަވެސް އެންމެ 20 މޭލުގެ މި ކުޑަކުޑަ ސަރަޙައްދަށް ވެސް ޔަހޫދީން އިޙްތިރާމެއް ނުުކުރެއެވެ. އެ ސަރަޙައްދު ވެސް ފަހަތަށް ޖައްސައި، އިތުރަށް ކުޑަ ކުރުމުގެ ސަބަބުން، ފަލަސްޠީނުގެ ރައްޔިތުންނަށް ކަނޑުރޯދި ހޯދުމަށް ބޭނުން ކުރެވެނީ ވަރަށް ކުޑަ ސަރަޙައްދެކެވެ. މި ކަމުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުން ވަނީ ބޭރު ދުނިޔެއާ މުޅިން އެހަހެރިވެފައެވެ. ޣައްޒާގެ ކަނޑުދަތުރުފަތުރުގެ ސަގާފަތާއި މަސްވެެރިކަމުގެ ސިނާޢަތަށް ވަނީ ބޮޑެތި ނޭދެވޭ އަސަރުތައް ކޮށްފައެވެ.
ޣައްޒާގެ މަސްވެރިންނަށް މިހާރު މަޖުބޫރުވެފައި ވަނީ ވަރަށް ކުޑަކުޑަ ސަރަޙައްދެއްގައި މަސްވެރިކަން ކުރާށެވެ. އެއް ސަރަޙައްދެއްގައި މާ ގިނައިން މަސްވެރިކަން ކުރުމުގެ ސަބަބުން އެ ސަރަހައްދަށް އޭގެ އަސަރު ދަނީ ކުރަމުންނެވެ. 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް ޔަހޫދީން ފަށާފައިވާ ރަހުމު ކުޑަ ޤާތުލްޢާންމުގައި ޔަހޫދީން ދަނީ ޣައްޒާގެ މަސްވެރިންނަށް އަމާޒުކޮށް ޙަމަލާދީ އެ މީހުން ޝަހީދު ކުރަމުންނެވެ. އެ މީހުންގެ ދޯނިފަހަރާއި ގެންގުޅޭ މަސްވެރިކަމުގެ އާލާތްތަކަށް ދަނީ ގެއްލުން ދީ ސުންނާފަތި ކުރަމުންނެވެ. ޔަހޫދީންގެ އަމާޒަކަށް ވެފައިވާ ޣައްޒާގެ މަސްވެރިންގެ ތެރޭގައި ޣައްޒާގެ ހަމައެކަނި އަންހެން މަސްވެރިޔާ، މަދްލީން ކުލާބް ވެސް ހިމެނެއެވެ. ފްރީޑޮމް ފްލޮޓިއްލާގެ އުޅަނދަށް މަދްލީންގެ ނަން ދީފައި ވަނީ އޭނާގެ ޝަރަފުގައެވެ. ހަތަރު ކުދިންގެ މަންމައެއް ކަމުގައިވާ މަދްލީން ކުލާބަށް ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ދިރިއުޅޭ ސަރަޙައްދު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައެވެ. އޭނާ މިހާރު ދިރިއުޅެނީ ހަނގުރާމައިގައި ގެއްލުންތައް ލިބިފައިވާ އޭނާގެ އަމިއްލަ ގޭގައެވެ. އޭނާގެ މަސްވެރިކަމުގެ ދުވަސްވަރު ވަނީ ނިމުމަކަށް އައިސްފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން، ބަޔަކު ނަސްލުހޭދު ކުރުން ފަދަ ބޮޑެތި ޖަރީމާތައް ބަޔަކު ހިންގާ ނަމަ އެ ކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް އދގެ މެންބަރު ޤައުމުތަކަށް ލާޒިމް ކުރެއެވެ. އެ ގޮތުން ހަތިޔާރު ވިއްކުން މަނާ ކުރުން ފަދަ ތަފާތު ފިޔަވަޅުތައް އެޅުމުގެ ޒިންމާ އޮތީ އެ ޤައުމުތަކަށެވެ. މަދްލީންގައި ދަތުރު ކުރަމުން ދިޔަ ގިނަ އެކްޓިވިސްޓުންނަކީ ވިލާތުގެ ޤައުމުތަކަށް ނިޞްބަތްވާ ރައްޔިތުންނަށް ވީއިރު، އެ އިއްތިޙާދުން ދަނީ ޒިންމާތަކަށް ބެލުމެއް ނެތި ޣައްޒާގެ ރައްޔިތުން ކަތިލުމަށް ޔަހޫދީންނަށް ހަތިޔާރު ފޯރި ކޮށްދެމުންނެވެ. ނަމަވެސް ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ އާންމުންގެ ބޮޑު އާބާދީ އޮތީ ޣައްޒާއާ އެކުގައެވެ. ޔަހޫދީންގެ ނިރުބަވެރި ޖަރީމާތައް އެ މީހުން ބަލައެއް ނުގަނެއެވެ.
މަދްލީނުގައި ދަތުަރު ކުރި އެކްޓިވިސްޓުންނަށް މަންޒިލާ ހަމައަށް ވާޞިލް ނުވެވޭނެ ކަން ދަތުރު ފެށުމުގެ ކުރިން ވެސް އެނގެއެވެ. ނަމަވެސް އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހަޅައި، ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ދުނިޔޭގެ ސަމާލު ކަމަށް ގެނެސް، ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކަށް އެ ޖަރީމާތަކާ ދެކޮޅަށް ފިޔަވަޅެއް އަޅަން ނުކުޅެދިފައި އޮތް އޮތުން އާންމުންގެ ސަމާލު ކަމަށް ގެނައުމަށް މަދްލީންގައި ތިބި އެކްޓިވިސްޓުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ބަޔަކު ކަތިލާ ބަނޑަށް ޖައްސަމުންދާއިރު އެއްވެސް ފިޔަވަޅެއް ނާޅައި ބަލަން ތިބުމަކީ ސަރުކާރުތަކުން ހިންގާ ބޮޑު ޖަރީމާއެއްގެ ގޮތުގައި މަދްލީންގެ ފަޅުވެރިން ވަނީ ސިފަ ކޮށްފައެވެ. މަދްލީންގެ ފަޅުވެރިން ބިޔަ ކަނޑެއްގައި ރާޅާ ދެކޮޅަށް ދަތުރު ފަށާފައި ވަނީ މި ނިކުމެވެނީ ކޮން ކަހަލަ ކަނޑަކަށް ކަން ރަނގަޅަށް އެނގި ތިބެއެވެ. މޫސުން ގޯސްވެ އިތުރަށް ނުދުއްވޭނެ ޙާލަތަށް ދާނެ ކަން ވެސް އެނގި ތިބެއެވެ. ގްރިއެތަ ބުނި ފަދައިން، ކުރިމަތި ވެދާނެ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތި ލުމަށް މި 12 މީހުން މި ނިކުތީ، ޖަރީމާތަކާ ދެކޮޅަށް މަސައްކަތް ކުރުން ހުއްޓާލައި ހިސާބުން އިންސާނީވަންތަކަން ގެއްލިގެން ދާނެތީއެވެ.
މިއަދު މަދްލީންގެ ދަތުރު ހުއްޓުވި ނަމަވެސް އެ އުޅަނދުގެ މެސެޖު ވަނީ ދުރަށް ފޯރާފައެވެ. ޣައްޒާއަށް ޖައްސާފައިވާ ޙަލަތަކީ މުޅި ދުނިޔެއަށް ހާމައަށް ފެންނަމުންދާ ޙާލަތެއް ކަމަާއި، އެ ޙާލަތު ތާއަބަދަށް ދެމިގެން ނުދާނެ ކަން މަދްލީންގެ ކުރު ދަތުރުން ވަނީ ދައްކުވައިދީފައެވެ. ހިފަހައްޓާ ކޮންމެ އުޅަނދެއް، ހައްޔަރު ކުރަ ކޮންމެ އެކްޓިވިސްޓެއް، އަދި ޔަހޫދީންނާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ޣައްޒާ މަތިން ދުނިޔެ ހަނދާން ނުނެތޭ ކަމުގެ ވަރުގަދަ ހެއްކެކެވެ. މިނިވަންކަން ލިބި އަދުލްއިންސާފު ޤާއިމުވެއްޖައުމަށް ދާންދެން، ފަލަސްޠީނަށް ނަޞްރު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ކަނޑުތަކުގެ ދައުރުގެ މުހިންމު ކަން މަދްލީން ވަނީ ހަނދާން ކޮށްދީފައެވެ.