ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތު ކެވިން ޑި ބްރޭނާ ކާމިޔާބުކޮށްދިން ލަނޑާއެކު 4-3 ގެ ނަތީޖާއަކުން ބެލްޖިއަމް މޮޅުވެއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕްގެ ގްރޫޕް ޖޭ ގައި ކުޅުނު މި މެޗުން ބެލްޖިއަމް މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ކުޅުނު ދެ މެޗުން ލިބިފައިވާ ހަތަރު ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ނޯތް މެސެޑޯނިއާ ހަތަރު މެޗު ކުޅެގެން ވަނީ އަށް ޕޮއިންޓް ހޯދާފަ އެވެ. އަދި ވޭލްސް އިންވެސް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ބެލްޖިއަމްގައި ކުޅުނު މި މެޗުގެ 15 ވަނަ މިނިޓުގައި ރޮމެލޯ ލުކާކޫ ވަނީ ލަނޑެއް ޖަހާ އެ ބެލްޖިއަމް އަށް ކުރި ހޯދަދީފަ އެވެ. މި ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އޭނާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން ޔޫރީ ޓިއެލެމަންސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި ބެލްޖިއަމްއިން ޖެހި ތިންވަނަ ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދީފައިވާއިރު، ވޭލްސް އަށް ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހެރީ ވިލްސަން ވަނީ ލަނޑެއް ޖަހާފަ އެވެ.
ފުރަތަމަ ހާފާއި އަޅާބަލާއިރު ދެވަނަ ހާފުގައި ވޭލްސް އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށްފަ އެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަވަނަ މިނިޓުގައި ސޯބާ ތޯމަސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ 69 ވަނަ މިނިޓުގައި ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
މި މެޗުން ބެލްޖިއަމް މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެވިން ޑި ބްރޭނާ އެވެ. އޭނާ މި ލަނޑު ޖެހުމުގެ ކުރިން ރޮމެލޯ ލުކަކޫ ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ރަގަޅު ލަނޑެއް ނޫން ކަމަށް ނިންމާފަ އެވެ.
ބެލްޖިއަމްގެ ބްރަސެލްސް ގައި ކުޅުނު މި މެޗު ބަލަން ދަނޑުގައި ހުރި ވޭލްސްގެ ސަޕޯޓަރެއް ވަނީ ދަނޑުގެ މަތީ ސިޑިބަރިން ވެއްޓި އަނިޔާވެފަ އެވެ. އަދި އޭނާއަށް ދަނޑުގައި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ބެލްޖިއަމްގެ ފުޓްބޯލް އެސޯސިއޭޝަނާއި ހަވާލާދީ ރިޕޯޓްތައް ވަނީ ބުނެފަ އެވެ.