ޙައްޖުގެ އަޅުކަމަކީ މާތްﷲ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާމެދު ފުންކޮށް ވިސްނުމަށް ލިބޭ ފުރުޞަތެކެވެ. އެކަލާނގެ ވަޖުހުފުޅު އަދައިގެން ކައުބަތުﷲ ގެފުޅަށް ޒިޔާރަތްކޮށް ޠަވާފްކޮށް ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ކޮންމެ މުސްލިމަކުވެސް ބޭނުންވާނެއެވެ.
ނަމަވެސް ޙައްޖު ދަތުރަކީ ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަންޖެހޭ ދަތުރަކަށްވާތީ އެފަދަ ކެރިފޯރުންތެރިކަމެއް ނެތް އެތައް ހާސްބަޔަކު ރާއްޖޭގައިވެސް ދިރިއުޅެއެވެ. އެއިން ކޮންމެ މީހެއްގެވެސް ހިތުގެ އެދުމަކީ، އަބަދުގެވެސް ދުޢާއަކީ އުމުރުން އެއްފަހަރު ނަމަވެސް ޙައްޖުގެ އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާގެ ބިމަށް ޒިޔާރަތްކުރުމެވެ.
ފައިސާ ހުރި މީހުންނަށް މިއީ މާކަ އުނދަގޫ ކަމެއް ނޫނެވެ. ކިތަންމެ ދިގު ކިޔުއެއްގައި ޖެހިގެން ނަމަވެސް ފައިސާ ހުރި މީހުންނަށް ޙައްޖަށް ދެވޭނެކަމުގެ އުންމީދެއް އޮވެއެވެ. ފައިސާ ދެއްކުމުން ޙައްޖުގެ ކިޔުއަށް އެރީއެވެ. ނަމަވެސް މިފަދަ ފުރުޞަތެއް ނެތީ ނިކަމެތި ފަޤީރުންނަށެވެ.
ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކެރިފޯރުންތެރިކަން ނެތް ފަޤީރުންގެ މި ހުވަފެން ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.
އެގޮތުން ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 1000 ދިވެހި ރައްޔިތުން، ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މި ދައުރުގައި ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުއްވުމަށް ވެވަޑައިގަތް ރިޔާސީ ވަޢުދުގެ ދަށުން 2024 ވަނަ އަހަރު 50 މީހުން ޙައްޖަށް ފޮނުއްވިއެވެ.
މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރަމުން އަންނަ 1000 ދިވެހިންގެ ތެރޭގައި ޙައްޖަށް ދެވޭނެ ފޯރުންތެރިކަން ލިބިފައިނުވާ 50 ދިވެހިންވެސް އެބަ ހިމެނެއެވެ. މިއީ އެމީހުންގެ އުންމީދުތައް ހަޤީޤަތަކަށް ހަދައިދިން ފުރުޞަތެކެވެ. ދުވަހަކުވެސް މައްކާގެ މާތް ބިމުގައި ފައި ޖައްސާލެވޭނެކަމަށް އުންމީދުވެސް ކުރެވިފައިނުވެއެވެ.
"ބޭބެ ހިތަށްވެސް ނާރާ ދުވަހަކުވެސް މި މާތް ބިމަށް އާދެވިދާނެކަމަށްވެސް. އެކަމުވެސް މާތް ﷲ އިރާދަކުރެއްވީތީ މިހުރީ އާދެވިފައި. އަދި ޙައްޖުވެސް މި ކުރެވުނީ. އެހެންވެ މިކަމަށް މަގުފަހިކޮށްދިން ސަރުކާރުގެ އެންމެނަށް ބޭބެގެ ހިތުގެ ޝުކުރު އަބަދުވެސް އޮންނާނެ." ޙައްޖުވުމުގެ ފުރުޞަތު މިފަހަރު ފަހިވި ފަޤީރުންގެ ތެރެއިން މީހަކު ކިޔައިދިނެވެ.
ފަޤީރުންނަށް ޙައްޖުވުމަށް ލިބުނު ފުރުޞަތާއި ގުޅޭގޮތުން، މިއަހަރުގެ ދިވެހި ޙައްޖާޖީންގެ އެންމެ އިސް ޝައިޚް، މުތީޢު އިސްމާޢީލް މުޙައްމަދު ވިދާޅުވީ، ސަރުކާރުން ފަޤީރުންނަށް ޙައްޖުވުމަށް ދޭ ފުރުޞަތަކީ، ފަޤީރުންނަށް ލިބޭ ވަރަށް ބޮޑު ނިޢުމަތެއްކަމަށެވެ. މިއީ އެމީހުން އުންމީދު ނުކުރާކަމެއްކަމަށާއި، ނަމަވެސް އިސްލާމްދީނުމުގެ 5 ވަނަ ރުކުން އަދާކުރުމަށް އެމީހުންނަށް ފަހިވާކަމެއްކަމަށެވެ.
"ފަޤީރުންގެ ގޮތުގައި ތިބި ބަޔަކަށް ސަރުކާރުން ޙައްޖު ފައިސާ ދެއްކުމާއެކު އެމީހުން ޝަރުޠު ހަމަވެގެން މިދަނީ ޙައްޖުކުރެވޭ ބަޔަކަށް. އެއާއެކީ ހަގީގަތުގައި އުންމީދުވެސް ނުކުރާވަރުގެ ނިޢުމަތެއް އެމީހުންނަށް ލިބިގެންމިދިޔައީ. އޭގެ ސަބަބުން ޙައްޖުގެ ސަވާބާއި ދަރުމަ އަދި ޢަރަފާތު ބިމުގައި ހުއްޓިހުރެ ދުޢާކުރުމާއި، މުޒްދަލިފާއާއި، މިނޫންވެސް މަޝާއިރުތައް، ޠަވާފުކުރުން، ޝަޢުޔުކުރުން އަދި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުން، މިފަދަ އެތައް ކަމެއްގެ ތަޖުރިބާ ފަގީރުންނަށް ލިބިގެންމިދަނީ. މިއީ ވަރަށް ރަނގަޅު އިނީޝިއޭޓިވްއެކޭ އަޅުގަނޑު ބުނާނީ." ޝައިޚް މުތީޢު ވިދާޅުވިއެވެ.
މިއަހަރު ޙައްޖަށް އައުމުގެ ނަސީބު ލިބުމުން އެމީހުންގެ އުންމީދުތައް ހާސިލުވެ ޙަޤީޤަތަކަށްވިއެވެ. އެއްވެސް ޙައްޖާޖީއަކަށް ތަފާތު ކުރުމެއް ނެތި ޙައްޖު ކޯޕަރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް އެމީހުންނަށްވެސް އަންނަނީ ލިބެމުންނެވެ.
ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ސަރުކާރުން ދިވެހިންނަށް މިފަހަރު ދިން މަތީ ފަންތީގެ ޚިދުމަތްތައް ހުރިހާ ދިވެހިންނަށް ހަމަކޮށް އެބަ ލިބެއެވެ.