ޔުއެފާ ނޭޝަންސް ލީގުގެ ތިންވަނަ މަގާމު ފްރާންސްއިން ހޯދައިފިއެވެ. އެ ގައުމުން ތިންވަނަ ހޯދީ 2-0 ގެ ނަތީޖާއަކުން ޖަރުމަން ބަލިކުރުމަށްފަހުއެވެ.
ޖަރުމަނުގެ އެމްއެޗްޕީ އެރީނާގައި ފަންސާށް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުން ފްރާންސް މޮޅުވެފައިވާއިރި މި މެޗުގައި ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި އެމްބާޕޭ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. މި ލަނޑާއެކު އޭނާ ގައުމީ ޓީމަށް ޖައިދިން ލަނޑުގެ އަދަދު ވަނީ 50 އަށް އަރާފަ އެވެ. އެމްބާޕޭ ވެފައިވަނީ އޮލިވިއާ ޖިރޫ އާއި ތިއެރީ އޮންރީއަށް ފަހު ގައުމީ ޓީމަށް 50 ލަނޑު ޖަހައިދިން ތިންވަނަ ކުޅުންތެރިޔާއަށް ވެފަ އެވެ. ޖިރޫ 57 ލަނޑު ޖަހާފައިވާއިރު އޮންރީ ވަނީ 51 ލަނޑު ޖަހާފަ އެވެ.
ފްރާންސް އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައިވަނިކޮށް އެމްބާޕޭ ދިން ޕާހަކުން މައިކަލް އިލިސޭ ކާމިޔާބު ކޮށްދީފައިވާ ލަނޑެކެވެ.
އަމިއްލަ ގައުމުގައި މެޗު ކުޅެމުންދިޔަ ޖަރުމަނުން ވަނީ މި މެޗުގައި ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ. އެގޮތުން އަޑެޔޭމީ ފޮނުވާލި ނުރައްކާތެރި ތިން ހަމަލައެއް ފްރާންސްގެ ކީޕަރު މައިގްނަން ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގައި ޖަރުމަނަށް ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް ފަހުން އެ ނިންމުން ރެފްރީ ވަނީ ބަދަލުކޮށްފަ އެވެ. އަދި އެ ޓީމުން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ ބެލުމަށްފަހު އެ ލަނޑު ޖެހުމުގެ ކުރިން ޖަރުމަނުގެ ނިކްލަސް ފުލްކްރުގް ފައުލް ކޮށްފައިވާތީވެ ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
ފްރާންސް އަށް މި މެޗުގައި ވަނީ އިތުރު ލަނޑު ޖަހަންވެސް ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން އެންމެ ރަގަޅު އެއް ފުރުސަތު ލިބިގެން ގޮސްފައިވަނީ މާކަސް ތުރާމް އަށެވެ. އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ ގޯލުގެ ދަނޑިއަށް އަމާޒުވެފައިވާއިރު އެމްބާޕޭ އަށް ވެސް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ.
މި މެޗުން ޖަރުމަން ބަލިވެފައިވާއިރު ޖޫލިއަން ނަގެލްސްމަންގެ އިރުޝާދުގެ ދަށުން ޖަރުމަން އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފަ އެވެ.
ޖަރުމަންގެ ކެޕްޓަން ޖޯޝުއާ ކިމިޗް ބުނެފައިވަނީ މެޗުގެ ފުރަތަމަ 10 މިނިޓުގެ ތެރޭގައި ތިން ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުކުރެވި ފުރަތަމަ ހާފު ނިންމާލަން ޖެހުނީ ބައިކޮޅަށް ވަން ލަނޑާ އެކު ކަމަށެވެ.