ކުރިއަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙްމަދު މަޚްލޫފް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކޮށް، ޖޫނިއަރ ކެޓެގަރީން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރަން މެޑެލް ހޯދައިދީފިއެވެ.
12 އަހަރުގެ ލައިބާ ވަނީ އަރުމޭނިއާގައި ކުރިއަށްދާ "އަރުމޭނިއަން ޔޫތް އޯޕަން 2025" ގެ ތިން ކެޓަގަރީއެއްގައި ވާދަކޮށް ތިން ރަން މެޑެލް ހާސިލުކޮށްފައެވެ. އޭނާ ރަން މެޑެލް ހާސިލުކުރީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުންނެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެލް ހާސިލުކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ ސިންގަލްސްގައި ސައިޕްރަސްގެ އެމީލިއާ އާއި ވާދަކޮށް ލައިބާ ރަންމެޑަލް ހޯދީ 21-15 އަދި 21-11 އިން ދެ ސެޓް ކާމިޔާބުކޮށްގެންނެވެ.
މިކްސްޑް ޑަބަލްސް އިވެންޓުން ލައިބާ އާއި އަރުމޭނިއާގެ އެރިކްގެ ޕެއާއިން ރަންމެޑަލް ހާސިލުކުރީ ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 25-23 އިން ކުރިހޯދައިގެންނެވެ.
ޑަބަލްސް އިވެންޓުން ލައިބާ އާއި ސައިޕްރަސްގެ އެމީލިއާގެ ޕެއާއިން ރަން މެޑަލް ހޯދީ ޖޯޖިއާ އަދި ސައިޕްރަސްގެ ދެ ކުޅުންތެރިންގެ މައްޗަށް 21-11 އަދި 21-11 އިން ކުރިހޯދައިގެންނެވެ.
އަރުމޭނިއަން ޔޫތު އޯޕަންގައި ބައިވެރިވެ، 3 ރަން މެޑަލް ޙާޞިލްކުރި ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ ހޯދި ކާމިޔާބަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤްބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.
2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމިއްލަގޮތުން ވާދަކުރަމުން އަންނަ ލައިބާ ވަނީ ޔޫރަޕްގެ އެކި މުބާރާތްތަކުގައި ވާދަކޮށް 5 ރިލި މެޑަލް އަދި 15 ލޯ މެޑަލް ހޯދާފައެވެ.