ޚަބަރު

ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ޠާރީޤް ފްރާންސަށް


  • މިމަހާސިންތާ ކުރިއަށްދަނީ މިމަހުގެ 9 އިން 13އަށް ފްރާންސްގެ ނީސްގައި

  • މަހާސިންތާގެ މައިގަނޑު މަގްޞަދަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކުރުން

އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒިރު ޠާރިޤް އިބްރާހިމް ފްރާންސަށް ފުރާވަޑައިގެންފިއެވެ.

ބައިނަލްއަގްވާމީ މިބައްދަލުވުމުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސައިންޓިސްޓުން އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.

މިމަހުގެ 9ވަނަ ދުވަހުން ފެށިގެން 13ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސްގައި ކުރިއަށްގެންދާ މި މަހާސިންތާގެ މައިގަނޑު މަގްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ.

މި މަހާސިންތާގައި އެންމެ އިސްކަމެއް ދޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ 14ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށްކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެސްޑީޖީ 14ގެ މަގްސަދަކީ ކަނޑުތަކާއި، ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމެވެ.

މި މަހާސިންތާގައި ބައިވެރިވުމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސްވަނީ ފްރާންސްއަށް ވަޑައިގެންފައެވެ. ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށްވެސް ތާވަލުކޮށްފައިވެވެއެވެ.

މިސެޝަންގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވިގޮތެއްގައި ތަރައްޤީކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވިގެން ދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.