ސަރުކާރުން ހަމަހަމަކަމާއެކު ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ ސަބަބުން އެކި ޤައުމުތަކާއެކު ކުރިއަށްވުރެ ގާތް ގުޅުމެއް އުފެދިފައިވާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު މަސްދަރުތައް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި ޚާރިޖީ ސިޔާސަތުގައި އަބަދުވެސް އިސްކަންދޭންޖެހޭނީ ދިވެހި ޤައުމާއި ރައްޔިތުންނަށް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރައްވާފައިވަނީ ޤައުމާއި ރައްޔިތުންގެވެސް މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި ރާއްޖޭގެ މިނިވަންކަމުގެ ރަތްރޮނގު ފަލަކޮށް ދަމާލުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅު ޤައުމުތަކުން އެހީ ހޯދުމުގައި ފެނިގެންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިނިވަންކަމާއި އިސްތިގުލާލު ހިފެެހެއްޓުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ގައުމުތަކާ ގާތްގުޅުން އުފެދި، އެ ޤައުމުތަކުން އެކަން ބަލައިގަންނަމުންދާ ކަމަށެވެ. އަދި ޤައުމުތަކާ ގާތް ގުޅުމެއް އުފެދެނީ ޚާރިޖީ ސިޔާސަތުގެ ތެދުވެރިކަން ހާމަވަގެންދާތީ ކަމަށްވެސް ވިދާޅުވިއެވެ.
"ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ މަސްލަހަތު، އެ ޤައުމެއްގެ ރައްޔިތުންގެ މަސްލަހަތު، އެއީ އެންމެ އިސްކުރާނެ ކަންތައްތައް. އެއީ ލިޔެވިފައި ނެތަސް ކަށަވަރުވާނެ ކަމެއް. އެހެންވީމަ ވަރަށް ސާފުކޮށް އަޅުގަނޑުމެން މިވާހަކަތައް މިގޮތަށް ބުނުމުގެ ނަތީޖާއަކީ އަޅުގަނޑުމެންގެ މިޚާރިޖީ ސިޔާސަތުގެ ތެދުވެރިކަން ޤައުމުތަކަށް ދޭހަވެގެންދިއުން،" ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ މިހާތަނަށް ހަމަހަމަކަމާއެކު އެކި ޤައުމުތަކާއެކު އޮންނަ ގުޅުމުގެ ތެރެއިން ޚާރިޖީ ސިޔާސަތު ތަންފީޒުކުރަމުން އަންނަނީ މިދައުރުގެ ތެރޭގައި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ގޮތުގައި ހިމެނޭ ޤައުމުތަކާއި ޖަމްޢިއްޔާތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރެވި، ރާއްޖެއަށް އޭގެ ފައިދާ ވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންޑިއާ އާއި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދެ ޤައުމަށްވާއިރު ހަމަހަމަކަމާއެކު އެ ދެ ޤައުމާ ގުޅުން ބަދަހިކުރުމުގެ ސަބަބުން އެކި ރޮނގުރޮނގުން ދެ ޤައުމުން ކުރިއަށްވުރެ ބޮޑަށް އެހީތެރިވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަށް ދިމާވެފައިއޮތް އެންމެ ބޮޑު ބުރައަކީ ބައިތުލްމާލަށް ބެލުމެއްނެތި ބޮޑު އަދަދަކުން ދަރަނިވެރިވެފައި އޮތުން ކަމަށާއި އެކަމަށް ލުއި ހޯދަން ދޭދޭ ގުޅުން އޮތް ޤައުމުތަކާ ވާހަކަދެކެވި ކުރިއެރުންތައް ލިބެމުންއަންނަ ކަމަށްވެސް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.