ޚަބަރު

އަޟްޙާ ޢީދާ ދިމާކޮށް ޔަހޫދީ ފައުޖުން ބައިރޫތަށް ބޮން އަޅައިފި


މުސްލިމުންގެ ބަރަކާތްތެރި އަޟްޙާ ޢީދު ވިލޭރޭ ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ލުބްނާންގެ ވެރިރަށް ބައިރޫތަށް ނިރުބަވެރި ޙަމަލާތަކެއް ދީފިއެވެ. މިއީ، 2024ވަނަ އަހަރު ނޮވެންބަރު މަހު ޔަހޫދީން ހަދާފައިވާ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތަކެކެވެ. ޔަހޫދީން އެ އެއްބަސްވުން ހަދާފައި ވަނީ ލުބްނާންގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާ އެކުގައެވެ.

މިއީ، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރަން ފެށި ފަހުން ޔަހޫދީ ފައުޖުން ބައިރޫތުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދީފައިވާ ހަތަރުވަނަ ފަހަރެވެ. ޔަހޫދީ ފައުޖުން ބުނީ، ބައިރޫތަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ އިސް އޮފިޝަލުންނާއި މުހާހިދުންނަށް ކަމުގައެވެ. ނަމަވެސް، ޙިޒްބުاللهން ދަނީ އެއްބަސްވުން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އަދި، އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރަމުންނެވެ.
ލުބްނާންގެ ރައީސް ޔޫސުފް ޢަވްން ވަނީ ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން އެންމެ ފަހުން ދީފައިވާ ޙަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އޭނާގެ ސަރުކާރުގެ އިތުރުން ޢަރަބި ޤައުމުތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ބުނީ، ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުން ކޮންމެ ދުވަހަކު ވެސް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމުގައެވެ.

ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު އަމަލު ކުރަމުންދާ އެއްބަސްވުން އެކުލަވައިލާފައި ވަނީ އެމެރިކާއާއި ފަރަންސޭސިވިލާތުން މެދުވެރިންގެ ގޮތުގައި ބައިވެރިވެ، ކުރި މަސައްކަތުންނެވެ. އަދި، ޔަހޫދީން އެ އެއްބަސްވުން ދަމަހައްޓައި، ތަންފީޒު ކުރާ ކަން ކަށަވަރު ކުރުމުގެ ޒިންމާ މަތި ކޮށްފައި ވަނީ ވެސް އެ ދެ ޤައުމަށެވެ. އެއްބަސްވުން ދެމެހެއްޓުމުގެ ގޮތުން ޔަހޫދީ ފައުޖުގެ ނިރުބަވެރި ޙަމަލާތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ޢަވްން ދާދިފަހުން ވަނީ އެމެރިކާއާއި ފަރަންސޭސިވިލާތަށް ގޮވައިލައްވާފައެވެ.

ޔަހޫދީ ފައުޖުން ޖޫން 5ވަނަ ދުވަހު ބައިރޫތަށް ދީފައިވާ ޙަމަލާތަކަކީ އެއްބަސްވުމާ ޚިލާފަށް ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ޢަވްން ސިފަ ކުރެއްވިއެވެ. އަދި، މުސްލިމުންގެ ބަރަކާތްތެރި އަޟްޙާ ޢީދު ވިލޭރޭ ބައިރޫތަށް ބޮން އެޅުމުން އޭނާ ވަނީ އެ ކަން ވެސް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތުގެ ޙަދަޘް، ޙާރަތު ޙުރައްޔިކް، ބުރްޖު އަލް-ބަރާޖީނާ އަދި ޟާޙިޔާ އަވަށަށެވެ.

އަށް އިމާރާތެއްގައި ހުރި 100އަށްވުރެ ގިނަ ފުލެޓަށް ގެއްލުން ދިނުން

އެ ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި 100އަށްވުރެ ގިނަ ފުލެޓަށް ބޮޑެތި ގެއްލުންތައް ދީފައިވާ ކަމުގައި ލުބްނާންގެ ވަފާ ނޫސް އޭޖެންސީން ރިޕޯޓު ކުރިއެވެ. އެއަށްފަހު، ލުބްނާންގެ ދެކުނުގައި އޮތް ޢަޔިން ޤާނާ އަވަށަށް ވެސް ޔަހޫދީ ފައުޖުން ވަނީ ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެއީ، އައްސޭރިފަށުގައި އޮތް ޞަޔިދާގެ އިރުމަތިން އޮންނަ އަވަށެވެ.

ޔަހޫދީ ފައުޖުން ބުނީ، ބައިރޫތާއި ޢަޔިން ޤާނާއަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهން ޑްރޯން އުފައްދާ މަރުކަޒުތަކަށް ކަމުގައެވެ. ނަމަވެސް، ޙިޒްބުاللهން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފައެވެ. ލުބްނާންގެ ބޮޑުވަޒީރު ނަވާފް ސަލާމް ވެސް ވަނީ ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތައް ކުށްވެރި ކުރައްވާފައެވެ. އަދި، ޔަހޫދީންގެ މި ފަދަ ނިރުބަވެރި ޙަމަލާތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ.

ޔަހޫދީ ފައުޖާއި ޙިޒްބުاللهއާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތައިލުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފެށުމާ ގުޅިގެންނެވެ. ޙިޒްބުاللهގެ ބޭނުމަކަށްވީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްތަކާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ވާގިވެރިވުމެވެ. އަދި، އަމާޒަކަށްވީ، ޔަހޫދީ ފައު ޖުގެ ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

ޔަހޫދީ ފައުޖާއި ޙިޒްބުاللهއާ ދެމެދު ބަދަލު ކުރި ޙަމަލާތަކުގެ ތެރެއިން ލުބްނާނަށް ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޔަހޫދީ ފައުޖުން ވަނީ 4,000އެއްހާ މީހުން ޝަހީދު ކޮށްލައި، އެތަކެއް ހާސް ބަޔަކު ޒަޚަމު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެންނާއި، މައުސޫމު ކުޑަކުދިންނާއި އުމޫރުންނެވެ. 2024 ނޮވެންބަރުގައި ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ފަހުން ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އިތުރު 190 މީހުން ޝަހީދު ކޮށްލައި، 500އަށްވުރެ ގިނަ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ލުބްނާންގެ ސަރުކާރުން ހާމަކުރިއެވެ.