ބްރެޒިލްގެ ކޯޗުކަމާ އަލަށް ހަވާލުވި އިޓަލީގެ ކާލޯ އެންޗެލޮޓީގެ އިރުޝާދުގެ ދަށުން އެ ގައުމުން ކުޅުނު ފުރަތަމަ މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ.
އަންނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިންގައި އެކުއެޑޯއާ ދެކޮޅަށް ރަށުން ބޭރުގައި ބްރެޒިލް ކުޅުނު މި މެޗު އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
މި މެޗު އެއްވަރުވެފައިވާއިރު ކޮލިފައިންގައި ބްރެޒިލް އިން މިހާތަނަށް ކުޅުނު 15 މެޗުން އެ ޓީމަށް ލިބިފައިވާ 22 ޕޮއިންޓާއެކު އެ ގައުމު އޮތީ ތާވަލުގެ ހަތަރުވަނައިގަ އެވެ. ބްރެޒިލް އާއި އެއްވަރުކޮށް އެކުއެޑޯ އަށް ލިބުނު ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޖުމްލަ 24 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ލިބިފަ އެވެ.
ޖުމްލަ 10 ޓީމު ހިމެނޭ ކޮލިފައިންގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ހޯމް އެންޑް އަވޭ އުސޫލުން މެޗު ކުޅުމަށްފަހު ގަދަ ހަ ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ހަތްވަނައަށް ދާ ޓީމަކަށް ޖެހޭނީ އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް މެޗެއް ކުޅުމަށެވެ.
އެކުއެޑޯ އިން ޑިފެންސަށް ވަރަށް ބޮޑަށް އިސްކަންދީގެން ކުޅެފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް އަށް މާރަގަޅު ހަމަލަތަކެއް އުފެއްދިފައެއް ނުވެއެވެ. އެންމެ ރަގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވަނީ ކާލޯ އެންޗެލޮޓީ އާއިއެކު ރެއާލް މެޑްރިޑަށް ކުޅޭ ވިނިޝިއަސް ޖޫނިއަރ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ އެކުއެޑޯގެ ގޯލުކީޕަރު ގޮންޒާލޯ ވޭލް ވަނީ މަތަކޮށްފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައި ބްރެޒިލްގެ ކުޅުން ރަގަޅު ކުރި ނަމަވެސް އެ ޓީމަށް ވަނީ އެކުއެޑޯގެ ގޯލު ހުޅުވާލެވޭ ގޮތް ނުވެފަ އެވެ.
ވޯލްޑްކަޕްގެ ކޮލިފައިންގައި އަންނަ ބުދަ ދުވަހު ބްރެޒިލް އަމިއްލަ ގައުމުގައި ނިކުންނާނީ ޕެރަގުއޭ އާއި ދެކޮޅަށެވެ.