ކުޅިވަރު

ސިންގަޕޫރު މެޗުން ވަރަށް ގިނަ ކަންކަން ދަސްވި: ސުޒެއިން


ސިންގަޕޫރާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މި މަހުގެ 10 ވަނަ ދުވަހު ޓިމޯ ލެސްޓޭއާ ބައްދަލުކުރާ މެޗުގެ ކުރިން ރާއްޖެއިން އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު، މި މެޗުން ސިންގަޕޫރު އަތުން ރާއްޖެ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ މި މެޗުގައި ސިންގަޕޫރުން ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އަދި ޓިމޯ-ލެސްޓޭ މެޗުގެ ކުރިން ކުޅުނު މި މެޗުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެއްޖެ ކަމަށާއި، ރާއްޖެއިން ފުޓްބޯޅައިގެ ބޭރުގައި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މި މި މެޗަކީ ޓީމަށް މުހިންމު މެޗެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ސުޒެއިން ބުނީ މި މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ރަނގަޅު މަސައްކަތެއް ކުރި ކަމަށާއި، އެގޮތުން ދެވަނަ ހާފުގައި ރަނގަޅު ފުޓްބޯޅައެއް ކުޅެވުނު ކަމަށެވެ.

މީގެ އިތުރުން ސުޒެއިން ބުނީ ސިންގަޕޫރާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މަދު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތައް ގޯލަށް ބަދަލުނުކުރެވުނު ކަމަށެވެ. އަދި ދެވަނަ ހާފުގައިވެސް ވަރަށް އޯޕަން ފުރުސަތުތަކެއް ލިބި ގެއްލިގެންދިޔަކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ.

މި މެޗަށްފަހު ގައުމީ ޓީމު ޓިމޯ ލެސްޓޭއާ ދެކޮޅަށް ނުކުންނައިރު، މި މަހުގެ 10 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގައެވެ.