އިމާންތެރިކަމުގެ ސަބަަބުން އިންސާނާގެ ރައްކާތެރިކަމާއި ދުނިޔެއާއި އާޚިރަތުގައިވެސް ހެޔޮކަން ލިބިގެންދާނެކަމަށް މިއަދުގެ ޙައްޖު ޚުތުބާގައި ވިދާޅުވެއްޖެއެވެ.
ނަމިރާ މިސްކިތުގައި މިއަދު ޙައްޖު ޚުތުބާ ދެއްވާފައިވަނީ މަސްޖިދުލް ޙަރާމުގެ އިމާމު ޝައިޚް ޑރ ސާލިޙް ބިން ޙުމައިދުއެވެ.
ނަމިރާ މިސްކިތުގައި ދެއްވި ޙައްޖު ޚުތުބާގައިވަނީ އިސްލާމް ދީން ބިނާވެފައިވާ އަސާސީ ތިން ބައިކަމުގައިވާ އީމާން ކަމާއި އިޙްސާން ކަމާއި އިސްލާމްކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އިމާންކަމާއި އިސްލާމްކަމުގެ ރުކުންތައް ހަނދުމަކޮށްދީ އެރުކުންތަކުގެ މުހިއްމުކަން ހާމަކުރައްވައި، އިމާންކަމުގެ މަތިވެރިކަމާއި ރަހިމުގެ ގުޅުން ދެމެހެއްޓުމާއި މައިންބަފައިންނަށް ކަމޭ ހިތުމާއި ތެދުބަހުން ވާހަކަދެއްކުމުގެ މުހިއްމުކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި އަހުދަށް ވަފާތެރިވުމާއި، އަޚްލާޤީ ރީތި ސިފަތައް އަށަގެންނެވުމާއި ދިމާވާ މުސީބަތްތަކަށް ކެތްތެރިވުމަށްވެސް ޚުތުބާގައި ނަޞާހަތްތެރިވިއެވެ. އަދި ލިބޭ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ އިތުރަށް ފާފައެއް ކުރެވިއްޖެނަމަ އެކަމާ ހިތާމަކޮށް ތަޢުބާވުމަށް ޚުތުބާގައި ނަޞޭހަތްތެރިވިއެވެ.
ޝައިޚް ސާލިހް ދެއްވި ކުރު އެހެންނަމަވެސް މުހިއްމު ކަންތައްތަކަށް އަލިއަޅުއްވާލެއްވި ޚުތުބާގައި ވަނީ އިސްލާމީ އުންމަތަށް ތަގުވާވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދެއްވައިފައެވެ. އިމާންތެރިކަން އިސްކޮށްފި ނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުންކަން ފާހަގަކުރިއެވެ.
ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި ދީނުގެ އެހެން ރުކުންތައް އަދާކުރުމަށް ގޮވާލައްވަމުން ވަކިން ޚާއްސަކޮށް ޒަކާތުގެ ވާހަކަ ޚުތުބާގައި ފާހަގަކުރެއްވިއެވެ.
"މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މުއުމިނުންނަށް ސުވަރުގޭގެ ނިއުމަތްތައް މިންވަރު ކުރައްވައެވެ. އެއީ ތާޢަބަދަށް ވާ ނިއުމަތެކެވެ. އެމީހުންނަކީ މާތް ﷲއަށް ކިޔަމަންވެ ސާބިތުވި މީހުންނެވެ" ޙައްޖު ޚުތުބާގައި ވިދާޅުވިއެވެ.
ހައްޖުގެ އަޅުކަމަކީ އާޚިރަތް ދުވަސް ހަނދާންކޮށްދޭ އަޅުކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައިވަނީ އަޅުކަން އަދާކުރުމަށް ލިބުނު ފުރުޞަތު ހެޔޮގޮތުގައި ބޭނުންކުރުމަށް ނަޞޭހަތްތެރިވެފައެވެ. އަދި ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވިކޮށް ޚުތުބާގައި ވަނީ ކިޔާދެއްވާފައެވެ.
އެގޮތުން އެކަލޭގެފާނު އަރަފާތުގައި މަޑުކުރެއްވިކަމާއި އެއަށްފަހު މުޛުދަލިފާއަށް ވަޑައިގެން އެތަނުގައި މަޢްރިބް އަދި އިޝާ ނަމާދުކުރެއްވިކަމާއި އެއައްފަހު އެތަނުގައި މަޑުކުރެއްވުމަށްފަހު މިނާއަށް ވަޑަިއގެން ޖަމްރާތަކަށް ހިލައުއްކެވިކަން ހަނދާންކޮށްދެއްވިއެވެ.
މިއަހަރުގެ ޙައްޖު ޚުތުބާ ނިއްމާލައްވަފައިވަނީ ފަލަސްޠީންގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި އެޤައުމުގެ ހާލަތުގައި ބައިވެރިވެ އެކަމަށް ދުޢާކުރުމަށް ގޮވާލައްވާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރުމަށް ސަޢުދީޢަރަބިއްޔާއިން ލުއިފަސޭހަ އިންތިޒަމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށްދާއިރު ސަޢުދީ ސަރުކާރުން ދެއްވާފައިވާ އިރުޞާދާއެއްގޮތަށް އަމަލުކުރުމަށް ޚުތުބާގައި ވަނީ ނަޞޭހަތްތެރިވެފައެވެ.