ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުްގެ ޖާގައެއް ޕޯޗުގަލްއިން ހޯދައިފިއެވެ.
ޕޯޗުގަލް އިން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސެމީ ފައިނަލުގައި ރޭ ޖަރުމަން އާއި ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
މިއުނިކްގެ އެލިއަންޒް އެރީނާގައި ފަސްދޮޅަސް ފަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ޖަރުމަނުންނެވެ. މި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބެޔާރ ލެވަކޫސަންގެ ފޯވަޑް ފްލޯރިއަން ވާރޓްޒް އެވެ.
ލެވަކޫސަންގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައިވާ ވާރޓްޒް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލިވަޕޫލް އިން ދަނީ މަސައްކަތް ކުރަމުންނެވެ.
ބޯކޮށް ވާރޭވެހި ގުގުރުމާއި ގުޅިގެން މެޗު ފަށަން އޮތް ވަގުތަށްވުރެ ދިހަ މިނިޓު ލަހުން ފެށި މި މެޗުގައި ޕޯޗުގަލް އިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ 63 ވަނަ މިނިޓުގައި ރުބެން ޑިއާޒް ދިން ޕާހަކުން ފްރެންސިސްކޯ ކޮންސެއިސާއޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި މެޗުން ޕޯޗުގަލް މޮޅުވި ލަނޑު އޭގެ ތިން މިނިޓު ފަހުން އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އުމުރުން 40 އަހަރުގެ ރޮނާލްޑޯ ކާމިޔާބުކޮށްދިން މި ލަނޑާއެކު އޭނާ ޕޯޗުގަލްގެ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 137 އަށް އަރާފަ އެވެ. އަދި އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 220 މެޗު ކުޅެދީފަ އެވެ.
މިއީ 2000 ވަނަ އަހަރަށްފަހު ވާދަވެރި މެޗަކުން ޖަރުމަން އަތުން ޕޯޗުގަލް މޮޅުވި ފުރަތަމަ ފަހަރެވެ.
ޔޫއެފާ ނޭޝަންސް ލީގުގެ ހަތަރުވަނަ މުބާރާތް ކުރިއަށްދާއިރު މީގެ ކުރިން 2019 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލް އިންނެވެ. 2021 ވަނަ އަހަރުގެ ޗެމްޕިއަންކަން ފްރާންސް އިން ހޯދިއިރު އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކޮށްފައިވަނީ ސްޕެއިން އެވެ.
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ފްރާންސް އާއި ދެކޮޅަށް ނިކުންނާނީ ސްޕެއިން އެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ޖަރުމަނުގެ މިއުނިކް ގައެވެ.