ޚަބަރު

ބުބްލިކް ބަލިކޮށް ސިނާ ސެމީ ފައިނަލަށް


މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް އިޓަލީގެ ޔަނިކް ސިނާ ހޯދައިފިއެވެ.

ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސިނާ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކަޒަކިސްތާނުގެ އެލެކްޒެންޑަރ ބުބްލިކް އާއި ދެކޮޅަށް ކުޅުނު މެޗު ހައެއް އެކެއް, ހަތެއް ފަހެއް އަދި ހައެއް ސުމެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފުރަތަމަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުންދާ ސިނާ ވަނީ އެންމެ ފަހުން ބޭއްވި އޮސްޓްރޭލިއަން އޯޕަންގެ އިތުރުން ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

މި މެޗުން ސިނާ މޮޅުވެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވާއިރު އޭނާ ވެފައިވަނީ ގްރޭންޑް ސްލޭމް މުބާރާތުގެ ސެމީ ފައިނަލުގައި ހަ ފަހަރު މަތިން ކުޅޭ އިޓަލީގެ ފުރަތަމަ ކުޅުންތެރިޔާއަށް ވެފަ އެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި ސިނާ އާއި ދެކޮޅަށް ކުޅޭނެ ކުޅުންތެރިއެއް އެނގިގެންދާނީ އެލެކްޒެންޑަރ ޒްވެރޭވް އާއި ނޯވަކް ޖޮކޮވިޗް ކުޅޭ މެޗަށްފަހުގަ އެވެ.

މި މެޗު ކާމިޔާބު ކުރުމަށްފަހު ސިނާ ބުނެފައިވަނީ މި މެޗުން ފަސޭހަކަމާއެކު ބުބްލިކް ބަލިވި ނަމަވެސް މި މުބާރަތުގައި އޭނާ ވަނީ ވަރުގަދަ ކުޅުންތެރިންތަކެއް ބަލިކޮށްފައި ކަމަށެވެ. އަދި އެހެންކަމުން އޭނާ މި މެޗަށް ތައްޔާރުވީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށްވެސް ސިނާ ވަނީ ބުނެފަ އެވެ.