ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ "ބިޒްވީކް"ގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ބައިވެރިވެއްޖެއެވެ.
މި މަހުގެ 18 އަދި 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްވީކަކީ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ނެޓްވޯކިންގ އިވެންޓެކެވެ. މިއީ ވިޔަފާރިތަކަށް އެއްތަނަކުން ކަސްޓަމަރުންނާއި އަދި އެހެނިހެން ވިޔަފާރީތަކާއި ބައްދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ވިޔަފާރީގެ ނިންމުންތައް ނިންމާ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ހޯދައިދޭ މަންސައެކެވެ.
މި ހަރަކާތުގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބީއެމްއެލްއިން ބައިވެރުވުމާއި ގުޅިގެން ބޭންކުގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ، ރާއްޖޭގެ ވިޔަފާރި މުޖުތަމަޢު ބާރުވެރިކުރުވައި، އިގްތިސާދީ ތަރައްގީ ގެނައުމަށް ބޭންކް އޮފް މޯލްޑިވްސްއިން ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަދި ބިޒްވީކަކީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރުވައި، އައު ގޮތްތައް ހޯދައި، ކުރިއެރުމަށް ފުރުސަތު ހޯދައިދޭނެ މުހިންމު މަންސައެއްކަން ފާހަގަކޮށް ނިމާލް ވިދާޅުވީ މި އިވެންޓަކީ ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް ފައިދާކުރާނެ އަދި ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ އިވެންޓަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މިފަހަރުގެ ބިޒްވީކުގެ ތެރެއިން، "ސީއީއޯ ސަމިޓް"ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ވިޔަފާރީގެ އިސްވެރިން އެއްތަނަކުން ބައްދަލުކޮށް، އިގްތިސާދީ ކުރިއެރުން ހޯދުމަށް ބޭނުންވާ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.
ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ އެ ބޭންކުގެ ޚިދުމަތްތަކާއި ޕްރޮޑަކްޓްތަކުން ވިޔަފާރިތަކަށް އެހީތެރިވަމުންނެވެ. ލޯނުތަކާއި ފައިނޭންސިންގެ އިތުރުން، ބޭންކުން ހަލުވިކަމާއި ފަސޭހަކޮށް މުޢާމަލާތްތައް ކުރެވޭނެ ގޮތަށް 24 ގަޑިއިރު ޕޭމަންޓް ޚިދުމަތްތައް ފޯރުކޮށްދެމުން ދެއެވެ. މިއާއެކު ދާދި ފަހުން ބޭންކިން ޚިދުމަތްތައް ފޯރުކޮށްދޭ ގޮތަށް ގެނެވުނު ބަދަލާއެކު ވިޔަފާރި އެކައުންޓުތައްވެސް އޮންލައިންކޮށް ހުޅޭވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.