މިމަހުގެ 4-12 އަށް ސްރީ ލަންކާގައި ކުރިއަށްދާ ވެސްޓަރން އޭޝިއާ ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ގައުމީ ރާޒުވާ ޓީމުގެ މުޖާހިދު ބިން ޔަޒީދު އާއި ރާޒުވާގައި އަރަމުން އަންނަ ތަރިއެއް ކަމަށްވާ އީނާ ޢަބްދުﷲ ހަސަން ފުރައިފިއެވެ.
މިދެކުޅުންތެރިން ވާދަކުރާނީ މިމުބާރާތުގެ 20 އަހަރުންދަށުގެ އުމުރުފުރާގައެވެ. މުބާރާތަށް ފުރުމުގެ ކުރިން އެއާރޕޯޓުގައި ހުރެ ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މުޖާހިދު ބުނީ މުބާރާތާ އޭނާ މިކުރިމަތިލަނީ ވަރުގަދަ އަޒުމެއްގައިކަމަށެވެ. އެގޮތުން އުންމީދަކީ ގަދަ ތިނަކުން ޖާގައެއް ކަށަވަރުކުރުންކަމަށެވެ. މީގެ ކުރިންވެސް މިމުބާރާތުގައި ވާދަކޮށްފަވާނެކަމަށާ، އެފަހަރު އޭނާއަށް 9ވަނަ ރޭންކު ލިބުނުކަމަށް މުޖާހިދު ފާހަގަކުރިއެވެ.
"މިފަހަރު މުބާރާތުގެ ޓާގެޓަކީ އެޓްލީސްޓު ޓޮޕް ތިރީއަށް އެރުން" މުޖާހިދު ބުންޏެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މުޖާހިދު ބުނީ ބައިނަލް އަޤްވާމީ މިފަދަ މުބާރާތްތަކުގައި ވާދަކުރަން ލިބުމަކީ ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ. މިފަދަ މުބާރާތްތަކުގައި ވާދަކުރުމުން ހުނަރުތައް ތަރައްޤީކުރުމަށް ބާރަކަށްވާކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މީގެ ކުރިންވެސް ރާޒުވާއިން ރަނގަޅު ނަތީޖާއެއް ނެރެފައިވާ މުޖާހިދު ވަނީ ފާއިތުވެދިޔަ އަހަރު ޔޫއޭއީގައި ކުރިއަށްދިޔަ އޭޝިއަން އެމެޗުއަރ ޗެސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖެއަށް ބްރޯންޒު މެޑައްޔެއް ގެނެސްދީފައެވެ.
ވެސްޓާރން އޭޝިއާ ޖޫނިއާރ ޗެސް ޗެމްޕިއަންޝިޕުގައި 13 އަހަރުގެ އީނާވެސް ވާދަކުރުމަށް ތައްޔާރުވަމުން އަންނައިރު އޭނާ ބުނީ މެދުކެނޑުމެއްނެތި މިކުޅިވަރު ކުޅޭތާ އަހަރުތަކެއްވެއްޖެކަމަށާ، އެހެންކަމުން މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރަން ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ.
އީނާ ބުނީ މުބާރާތުން ގިނަ ތަޖުރިބާތަކެއް ހޯދާ، ބޭރުގެ ކުޅުންތެރިންނާ ވާދަކުރުމަށް އޭނާހުރީ ކެތްމަދުވެފަކަމަށެވެ. އެކި ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކޮށްލަން ލިބުމަކީ އީނާ ދެކޭގޮތުގައި ވަރަށް ރަނގަޅު ތަޖުރިބާތަކެއް ލިބިގެންދާކަމެކެވެ.
"ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއެކު ކުޅުމަކީ އަހަރެން ވަރަށް ކުރަންބޭނުންވާކަމެއް، އަހަރެން ދެކެނީ އެއީ ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއްގެ ގޮތުގައި" ގައުމީ ރާޒުވާ މުބާރާތުން 2023 ވަނަ އަހަރު ރަން މެޑަލް ހޯދާފައިވާ އެތުލީޓު ބުންޏެވެ.
ސްރީލަންކާގެ ސިޓްރަސް ހޮޓެލްގައި ކުރިއަށްދާ ވެސްޓާރން އޭޝިއާ ޖޫނިއާރ ޗެސް ޗެމްޕިއަންޝިޕުގައި މިއަހަރު 11 ގައުމަކުން ބައިވެރިން ވާދަކުރާނެއެވެ. މިމުބާރާތަކީ ވޯލްޑް ޗެސް ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 20 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ.