އަލަށް އަމަލުކުރަން ފަށާފައިވާ ކުޅިވަރު ޤާނޫނުގެ ސަބަބުން މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ތަފާތު މޮޅު އެތުލީޓުން މުބާރާތްތަކުން ފެނިގެންދާނެ ކަމަށް ބެލެވޭ ކަމަށް ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބުނެފިއެވެ.
"ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސާއިދު ބުނީ މި ބިލުގެ ސަބަބުން މިހާރު ތިބި އެތުލީޓުންނަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަދި އިތުރު މަގުތަކެއް ފަހިވެގެންދާނެ ކަމަށެވެ.
ސާއިދު ބުނީ ރާއްޖޭގެ އެތުލީޓުންނަށް މީގެ ކުރިން ތަމްރީނު ފްރޮގްރާމުތައް ހޯދުމަށް ދިމާވަމުންދިޔަ ދަތިތަކަށް ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑުން ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ކުޅިވަރު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމުން އަލަށް އަމަލުކުރަން ފަށާފައިވާ ކުޅިވަރު ޤާނޫނުގެ ދަށުން ކުރިއަށްވުރެ ބޮޑަށް އެތުލީޓުން ތަމްރީނުކުރުމަށް އިސްކަންދޭން ޖެހެއެވެ. އެގޮތުން އެ ޤާނޫނުގެ ދަށުން އުފެދޭ ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ މީހުންނަށް ތަމްރީނު ފުރުސަތުތައް ފަހިކޮށްދޭން ޖެހެއެވެ.
އަދި ރާއްޖެއާއި ރާއްޖޭން ބޭރުން އެލީޓް އެތުލީޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގާ ކުރިޔަށް އޮތްތަނުގައި ރާއްޖޭން ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގެ މަތީ ވަނަތައް ހޯދުމަށް މަގުފަހިކުރުމަށް ސްޕޯޓްސް ޑިވެލޮޕްމެންޓް ފަންޑުން އެހީތެރިވެދޭނެއެވެ.
ސާއިދު ބުނީ މިހާރު އެންމެ ބޮޑު ދައްޗަކީ ރާއްޖޭގައި ޓްރޭނިންތައް ހެދުމަށް ބޭނުންވާ ވަސީލަތްތައް މަދުވުން ކަމަށެވެ.
"އެންމެ ބޮޑު ދަތިކަމެއް މި ފާހަގަ ކުރެވެނީ ރާއްޖޭގައި ފެސިލިޓީސްތައް ނެތުން. އެހެންނަމަވެސް މި ޤާނޫނުގެ ދަށުން ރާއްޖޭގައިވެސް ފެސިލިޓީސްތައް ގާއިމުކުރެވި ރާއްޖޭން ބޭރުގައިވެސް އެތުލީޓުން ތަމްރީނުކުރުމުގެ މަގުފަހިވެގެން އެބަދޭ" ސާއިދު ބުންޏެވެ.
ކުޅިވަރުގެ ގާނޫނުގެ މާއްދާތައް ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް ފާސްކުރެވިގެންދިޔައިރު، މުޅި ރާއްޖެއަށް ކުޅިވަރު ފުޅާވެގެންދާނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ފާހަގަކުރެއްވިއެވެ.
ކުޅިވަރު ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކާއެކު މުޅި ރާއްޖެއަށް ކުޅިވަރު ފުޅާކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދަތަކުގައި ރީޖަނަލް އެސޯސިއޭޝަންތައް އުފެދި، އެތަންތަނުގައި މަސައްކަތް ކުރެވިގެންދާނީ މުޅި ރާއްޖެ ކުޅިވަރުގައި ޝާމިލުވާ ގޮތަށް ކަމަށްވެސް ސަރުކާރުން ބުނެއެވެ.
އެހެންކަމުން އެކި ރީޖަންތަކުގައި ބޭއްވޭ މުބާރާތްތަކުން ކުޅުންތެރިން އުފެދި އެ ކުޅުންތެރިންނަށް ގައުމީ ޓީމުން ޖާގަ ލިބޭނެ މަގު ފަހިވެގެންދިއުމަކީ މި ފަންޑުގެ އެންމެ މުހިންމު އެއް ބޭނުން ކަމަށް ކުޅިވަރު ވަޒީރު އަބުދުﷲ ރާފިއުވަނީ ވިދާޅުވެފައެވެ.