ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުﷲ ހަމީދު އައްޔަން ކުރެއްވުމަށް ޖުޑީޝަރީ ކޮމިޓީން ރުހުން ދީފިއެވެ.
ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ނަންތައް ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ދުވަހު އެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ފާސްކުރީ އެ ނަންތައް ދިރާސާކުރުމަށް މެންބަރުންނަށް އިތުރު ވަގުތު ދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ނަންތައް ހުށަހަޅުއްވާފައިވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ ދެ މަގާމެއް ހުސްވެފައިވާތީއެވެ. 7 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ދެ މަޤާމެއް ހުސްވެފައިވަނީ ސުލޫކީ މައްސަލައެއްގައި އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް ޢަލީ ޒާހިރު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ 14ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރައްވާފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ.
ޑރ. އަޒްމިރާލްދާ އާއި މަހާޒް މަގާމުން ވަކިކުރެއްވުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ވަނީ މިދިޔަ މަހުގެ 17ގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރު ފުރިފައިވާ އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވާ ފަރާތްތަކަށާއި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެދެކަމުގައި މަދުވެގެން 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައި ހުރި ފަރާތަކަށެވެ.
ޖޭއެސްސީން ހުޅުވާލި ފުރުސަތުގައި 12 ފަރާތަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިއެވެ. މި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދުގެ ނަންފުޅެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ ޖޭއެސްސީން ލަފާާ ދެއްވުމާ ގުޅިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންވެސް އެ ދެބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ޖޭއެސްސީން ނަންތައް ދިރާސާކުރުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މުޙައްމަދު ސަލީމާއި ޢަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަކަމަށް ނިންމަވާފައިވާތީއެވެ.
އެ ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގެ ޖަލްސާގައަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓަށް ބޭފުޅުން އައްޔަން ކުރައްވާނީ ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވުމުން މަޖިލީހުގެ މެންބަރުން ނަގާ ވޯޓަކުން ފާސްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއެވެ.