ޚަބަރު

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ޓްރެކް އެންޑް ފީލްޑުގެ 19 ކުއްޖަކު ވާދަކުރާނެ


މިމަހުގެ 13-15 އަށް ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ 19 ކުއްޖަކު ވާދަކުރަން ތައްޔާރުވެއްޖެއެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަނުގެ ފަރާތުން ބައިވެރިވާ ޓީމެކެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޓީއެންއެފްއޭގެ ރައީސް ޢަބްދުﷲ އިބްރާހިމް (އަބުޅޮ) ވިދާޅުވީ ޓީއެންއެފްއޭއަކީ އަބަދުވެސް ހުއްޓުމެއްނެތި ޕްރެކްޓިސްތައް ބާއްވަމުން އަންނަ އެސޯސިއޭޝަންއެއްކަމަށާ، އެހެންނަމަވެސް މިމުބާރާތައް ޚާއްސަކޮށް ވަކި ޕްރެކްޓިސްތަކެއް ބާއްވާތާ މަހެއްހާ ދުވަސްވެދާނެކަމަށެވެ.

މިމުބާރާތުގައި ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދުމަކީ އެއެސޯސިއޭޝަނުން މިއަހަރަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރެއިން އަމާޒެއްކަމަށް ޢަބްދުﷲ ވިދާޅުވިއެވެ.
"އަބަދުވެސް އަޅުގަނޑުމެން ޕްރެކްޓިސްކުރަމުން މިއަންނަނީ. ދެން އެކަމު އަޅުގަނޑުމެންގެ މިއަހަރުގެ އެއް ޓާރގެޓް މިއީ. ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕުން ރަނގަޅު ކާމިޔާބީތަކެއް ހޯދުން. މިދިޔައަހަރު އަހަރު އަޅުގަނޑުމެން ހޯދިން އެއް ސިލްވާރ މެޑަލް. އެހެންވިމަ މިއަހަރު އަޅުގަނޑުމެން ޓާރގެޓްކުރީ އެއަށްވުރެ އިތުރު ކާމިޔާބީއެއް ލިބޭތޯ މަސައްކަތްކުރުމަށް" ޢަބްދުﷲ ވިދާޅުވިއެވެ.

ސްރީލަންކަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ޓީއެންއެފްއޭއިން 19 ކުއްޖަކު ހިމަނައިގެން ސްކޮޑެއް ތައްޔާރުކުރަމުން އަންނައިރު، މިމުބާރާތުގެ ފަސް ކެޓެގަރީއެއްގައި ރާއްޖޭގެ ކުދިން ވާދަކުރާނެއެވެ. އެއީ 16 އަހަރުންދަށާ، 18 އަހަރުންދަށާ، 19 އަހަރުންދަށާ، 20 އަހަރުންދަށުގެ އިތުރުން 23 އަހަރުންދަށުގެ އުމުރުފުރާއެވެ.
"އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކަކީ އޯލެވެލް އިމްތިހާނުތެރެވީމަ، ޔަގީނުންވެސް މެޑަލް ލިބޭނެ ބައެއްކުދިންނަށް ނުދެވޭ. އެކަމަކުވެސް އަޅުގަނޑުމެން 19 ކުދިންގެ ސްކޮޑެއް ގޮވައިގެންދާން ތައްޔާރުމިވަނީ" ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޢަބްދުﷲ ވިދާޅުވިއެވެ.

މުބާރާތް ބާއްވާ ދުވަސްވަރާ އޯލެވެލް ކުރިއަށްދާ ދުވަސްވަރާ ދިމާވުމުގެ ސަބަބުން މުހިންމު އެތުލީޓުންތަކެއް ޓީމުގައި ނުހިމެނުނުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން މުބާރާތަށް ނެގި ސްކޮޑުގައި ވަރަށް ހަގުކުދިންވެސް ހިމަނަންޖެހުނުކަމަށް އޭނާވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އުންމީދަކީ އެކުދިންނަށް މިމުބާރާތުން އައު ތަޖުރިބާތަކެއް ލިބުންކަމަށާ، މިފުރުސަތުގެ ބޭނުން ހިފާ ގިނަ ކަންތައްތަކެއް އެކުދިން ދަސްކުރާނެކަމަށް އުންމީދުކުރާކަމަށް ޓީއެންއެފްއޭގެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޖޫނިއަރ ކުދިން މިއުޅެނީ. އެހެންވީމަ އެކުދިން އެތިބީ އަދި މުބާރާތްތަކުގަ ވާދަކުރާ ލެވެލްއަކުނޫން. އެހެންނަމަވެސް އެކުދިންނަށް އެކްސްޕީރިއަންސް ހޯދައިދިނުމުގެ ގޮތުން އަޅުގަނޑުމެން މިގެންދަނީ. ރާއްޖޭގަ އޮންނަ މުބާރާތްތަކުގަ އެހާ ބޮޑަކަށް ކޮމްޕެޓިޝަނެއް ނޯވޭ" ޢަބްދުﷲ ވިދާޅުވިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ހަފްތާ ބަންދުވެސް ހިމެނޭހެން ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެން ފޯރިއާއެކު ޕްރެކްޓިސްތައް ބާއްވަމުން އަންނައިރު، ޓީއެންއެފްއޭގެ ޓީމުން މިމުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. މިމުބާރާތް ކުރިއަށްދާނީ ލަންކާގެ ދިޔަގަމަ އިންޓަނޭޝަނަލް ސްޓޭޑިއަމްގައެވެ.

2017 ވަނަ އަހަރު ވުޖޫދުވެގެން އައި ޓްރެކް އެންޑް ފީލްޑު އެސޯސިއޭޝަނަކީ ޤައުމީ ފެންވަރުގަޔާ ބައިނަލް އަޤްވާމީ ފެންވަރުގައި އެތުލެޓިކްސްއިން ރަން ވަނަތަކެއް ހާސިލްކުރަމުން އަންނަ ކްލަބެކެވެ. މިގޮތުން މިއަހަރު ބޭއްވި 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގެ އެއްވަނަ ޓީމަކީވެސް ޓީއެންއެފްއޭގެ ޓީމެވެ. އޭގެ އިތުރުން ރާއްޖޭގައި އަލަށް ބޭއްވި މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަނުން ޗެމްޕިއަންކަން ހޯދާފައިވަނީވެސް ޓްރެކް އެންޑް ފީލްޑްއިންނެވެ.