ޚަބަރު

ހަތް މަސް ދުވަހަށްފަހު މެސީ އަލުން ގައުމީ ޓީމާއެކު!


ހަތް މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފިއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ޗިލީ އާއި ކޮލަމްބިއާ އާއި ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައި މެސީ ވަނީ ބައިވެރިވެފަ އެވެ. އުމުރުން 37 އަހަރުގެ މެސީ އެންމެ ފަހުން އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅެފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެވެ.

ކޮލިފައިންގެ ދެ މެޗަށް އާޖެންޓީނާ ތައްޔާރުވަމުންދާއިރު އެ ޓީމު ވަނީ 2026 ވަނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވެފަ އެވެ. އާޖެންޓީނާ ވަނީ ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގެ އެއްވަނައިގައި އޮވެ އެ ގައުމު ކޮލިފައިވެފައިވަނީ ޖުމްލަ 31 ޕޮއިންޓާއެކުގަ އެވެ.

ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިން ލަޔޮނެލް ސްކެލޯނީގެ އިރުޝާދުގެ ދަށުން އާޖެންޓީނާ ތައްޔާރުވަމުންދާއިރު އެ ޓީމަށް ސްކެލޯނީ ވަނީ މުޅިން އައު ކުޅުންތެރިންތަކެއް ނަގާފަ އެވެ. އޭގެ ތެރޭގައިވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ރިވަޕްލޭޓަށް ކުޅެމުންދާ އުމުރުން 17 އަހަރުގެ ފޯވަޑް ފްރެންކޯ މަސްޓަންޓުއޯނޯ އެވެ.

އަނިޔާއަށްފަހު މެސީ ގައުމީ ޓީމާއި ގުޅިފައިވާއިރު އޭނާ ވަނީ އެމެރިކާގެ މޭޖަރ ލީގުގައި އިންޓަރ މަޔާމީ އެންމެ ފަހުން ކޮލަމްބަސް ކްރޫ އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު 5-1 ގެ ނަތީޖާއަކުން މޮޅުވިއިރު މެސީ ވަނީ ދެ ލަނޑު ޖަހާ އަނެއް ތިން ލަނޑު ޖަހަން މަގު ތަނަވަސްކޮށްދީފަ އެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ސެންޓިއާގޯ ގައި ޗިލީ އާއި ދެކޮޅަށް ކުޅުމަށްފަހު އަމިއްލަ ގައުމުގައި އާޖެންޓީނާ ނިކުންނާނީ ކޮލަމްބިއާ އާއި ދެކޮޅަށެވެ.