ޚަބަރު

ޕާކިސްތާނަށް އައި ބިންހެލުމަކާ އެކު ޖަލަކުން 200 އަށް ވުރެ ގިނަ ޤައިދީން ފިލައިފި


ޕާކިސްތާނަށް އައި ބިންހެލުންތަކެއްގައި ކަރާޗީގެ ދެކުނުގައި ހުންނަ ޖަލަކުން ފިލި 200 އަށް ވުރެ ގިނަ ޤައިދީންގެ ތެރެއިން ގިނަ މީހުން އަދި ނުހޯދޭ ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

ބިންހެލުންތައް އައި ވަގުތު، ކަރާޗީގައި ހުންނަ ޑިސްޓްރިކްޓް މާލީރު ޖަލުގައި ތިބި ޤައިދީންގެ ސަލާމަތަށް ގޮޅިތަކުން ޖަލުގެ ގޯތި ތެރެއަށް ނެރުނު ވަގުތު، ޖަލު އޮފިސަރުންނަށް ޙަމަލާދިނުމަށްފަހު ޖުމްލަ 213 ޤައިދީން ފިލިކަމަށް ފުލުހުން ބުންޏެވެ.

އޭގެތެރެއިން ބައެއް ޤައިދީންތައް ފިލީ، ޖަލު އޮފިސަރުންގެ ހަތިޔާރުތައް އަތުލައިގެން، މައި ގޭޓު ހުޅުވަން މަޖުބޫރުކޮށްގެންނެވެ. އެ ވަގުތު ޖަލުގައި 2،000 އެއްހާ ޤައިދީން ތިބި ކަމަށާއި، ދަންވަރު ވަގުތެއް ކަމުން، ޖަލު ބަލަހައްޓަންތިބީ 28 ޖަލު އޮފިސަރުން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޖަލުން ފިލި ޤައިދީން ހައްޔަރުކުރުމުގައި ފުލުހުންނާ ދެމެދު ބަޑީގެ ޙަމަލާތައް ބަދަލުކުރެވުނު ކަމަށާއި، އޭގެ ތެރެއިން އެއް ޤައދީއަކު މަރުވެ، ތިން ފުލުހުން ޒަޚަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ސިންދުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް، ޤުލާމް ނަބީ މެމޮން ވިދާޅުވީ، ޖަލުން ފިލި ޤައިދީންގެ ތެރެއިން މިހާތަނަށް 78 ޤައިދީއަކު އަތުލައިގަނެވިފާއިވާ ކަމަށެވެ. އަދި ދެން ތިބި ޤައިދީން ހޯދުމަށް ވަރުގަދަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ޖަލުގައި ގިނައިން ތިބީ، މަސްތުވާތަކެތީގެ ކުށްތަކުގައި ތިބި ޤައިދީން ކަމަށާއި، އެ އެންމެންގެ މައްޗަށް ނިރުބަވެރި ޙަމަލާއެއް ދިނުމުގެ ދަޢުވާ ކުރުމުގެ ފުރުޞަތު މިހާރު އޮންނާނެ ކަމަށެވެ.

މި ހާދިސާގައި އާންމުންގެ މީހަކަށް ގެއްލުމެއް ލިބުނުކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ބުނެފައެއް ނުވެއެވެ.

މިއީ ޕާކިސްތާނުގެ ތާރީޚުގައި މިހާ ގިނަ އަދަދެއްގެ ޤައިދީން ޖަލަކުން ފިލި ފުރަތަމަ ފަހަރެވެ.