ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ގިނަ އަދަދެއްގެ ޢާންމުންނަށް ޙަމަލާދީ، އޭގެ ތެރެއިން 27 މީހުން ޝަހީދު ކޮށްލުމުން، އެ ކަމުގެ ފުރިހަމަ ތަޙުޤީޤެއް ހިންގުމަށް އެކުވެރި ދައުލަތްތައް (އދ)ން ގޮވައިލައިފިއެވެ. ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ބަޔެކެވެ. ޖީއެޗްއެފަކީ ޣައްޒާގައި ހައިހޫނުުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
ޖީއެޗްއެފުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ ނަމުގައި ޖަރީމާތައް ހިންގަން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފުން އެ ޖަމުޢިއްޔާގެ މަރުކަޒުތައް ކައިރިއަށް އެތަކެއް ސަތޭކަ ބަޔަކު ޖަމާ ކުރުމުން ޔަހޫދީ ފައުޖުން ދަނީ އެ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ރަފަޙްގައި އެންމެ ފަހުން ދީފައިވާ މި ފަދަ ޙަމަލާތަކުގައި 27 މީހުން ޝަހީދު ކޮށްލާފައިވާއިރު، މިއީ ޔަހޫދީ ފައުޖާއި ޖީއެޗްއެފް ގުޅިގެން މި ފަދަ ޖަރީމާތަކެއް ހިންގާފައިވާ ޖެހިޖެހިގެން ތިންވަނަ ދުވަހެވެ. އެ ޙަމަލާތަކުގައި އިތުރު 50އެއްހާ މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައި ރެޑް ކްރެސެންޓުން ހާމަ ކޮށްފައިވާއިރު ޝަހީދު ކޮށްލާފައިވާ މީހުންނާއި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު 184އަށް އުފުލައިވާ ކަމުގައި ބައެއް މަޞްދަރުތަކުން ބުންޏެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ ކާބޯތަކެތި ބަލައި ގޮސް ތިބި މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ޙަމަލާދީ ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމާ ގުޅިގެން އެ ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އަދި، ޖީއެޗްއެފާ ގުޅިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ފުރިހަމަ ތަޙުޤީޤެއް ކުރުމުން ގޮވައިލައްވާފައެވެ.
"ކާބޯތަކެތި ހޯދުމަށް ފަލަސްޠީނުގެ ރައްޔިތުން ފުރާނު ނުރައްކަލަށް ހުށަހަޅަން ޖެހުމަކީ އެއްވެސް ހާލަތެެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. އެ ކަމުގެ [އެހީ ހޯދުމަށް ޖަމާވި މީހުންނަށް ޙަމަލާދިން ޖަރީމާގެ] މިނިވަން ތަޙުޤީޤެއް ހިންގައި، ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އަޅުގަނޑު ގޮވައިލަން،" ގުތެރޭޝް ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި އެއްބާރުލުމާ އެކު ޤާއިމު ކޮށްފައިވާ ޖީއެޗްއެފުން ވެސް ވަނީ އެހީ ހޯދުމަށް ޖަމާވާ މީހުންނަށް ޙަމަލާދީ ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ބަރިއްޔަވުމަށް މަސައްކަތް ކޮށްފައެވެ. އަދި، އެ ޖަމުޢިއްޔާއިން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރީގައި ބަޑިޖެހުމުގެ ޖަރީމާއެއް ހިންގާފައި ނުވާ ކަމަށް ބުނެ، ކަމުގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޖީއެޗްއެފަކީ ޣައްޒާގެ އިތުރު ރައްޔިތުންތަކެއް ޝަހީދު ކޮށްލުމުގައި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ޔަހޫދީންނާއި ރައީސް ޓްރަމްޕް ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެއް ކަމުގައެވެ.
ޣައްޒާގެ ރައްޔިތުން ހައިހޫނުުގައި ޖައްސައި، ބަނޑަށްޖައްސައި ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ޝަހީދު ކޮށްލުމުގެ ނިޔަތުގައި ޔަހޫދީ ފައުޖުން އެ ސަހަރުގެ ފުރަބަންދު ހަރުކަށި ކޮށްފައި ވަނީ މާރިޗު 2ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެތެރެ ކޮށްފައެއް ނުވެއެވެ. އަދި، ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ސާމާނުގެ އިތުރުން އިންޖީނުގެތަކާއި ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ އެތެރެ ކުރުން ވެސް އޮތީ ހުއްޓުވާފައެވެ. ބައިނަލްއަޤްވާމީ ފާޑުކިޔުންތަކާއި ފިއްތުންތަކާ ގުޅިގެން ޣައްޒާއަށް މަދު އަދަދެއްގެ ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުޞަތު ދީފައި ވަނީ އޭގެ 11 ހަފުތާ ފަހުންނެވެ. ނަމަވެސް، އެ ތަކެތި ވެއްދުމުގެ ފުރުޞަތު ދީފައި އޮތީ ހަމައެކަނި ޖީއެޗްއެފަށެވެ.
އދގެ އިދާރާތަކުން ބުނީ، ޣައްޒާގެ ކޮންމެ ފަސް މީހަކުން އެކަކަށް މި ވަގުތު ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި، ޣައްޒާގެ އާބާދީގެ %100 މީހުން ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާގެ ރައްޔިތުންނަށް ދެ މަސް ދުވަހަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި އެ ސަހަރުގެ ސަރަޙައްދީ ރޮނގުގެ ބޭރުގައި ޔަހޫދީން ހިފަހައްޓާފައިވާ ކަމުގައެވެ. އަދި، އެ ތަކެތި ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރަސް އަޅާފައި ވަނީ ވީހާވެސް ގިނަ އަދަދެއްގެ ބަޔަކު ބަނޑަށްޖައްސައި ޝަހީދު ކޮށްލުމަށް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.