ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމަނިކުފާނު ޙައްޖަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޞިއްޙީ މަރުކަޒުތައް ތަރައްޤީކުރުމާއި ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަމުންނެވެ. އަދި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.
ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަލުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ދާއިރާ ތަރައްޤީކުރުމަކީ އެމަނިކުފާނު އެންމެ އިސްކަންދޭ ސިޔާސަތުތަކުގެ ތެރެއިން 2 ވަނަ ސިޔާސަތުކަމަށެވެ. އެހެންކަމުން މިދާއިރާ ތަރައްޤީކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 4000 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއުތައް ކުރިއަށްދާކަމަށެވެ. އެގޮތުން މާލެ ސަރަޙައްދުގެ ސަރުކާރު ހޮސްޕިޓަލްތައް ތަރައްޤީކުރުމުގެ މަސައްކަތްތަކާއި، އަތޮޅުތެރޭގައި ހުރި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ފެންވަރު މަތިކުރުމަށްވެސް މަސައްކަތްކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ.
" އަޅުގަނޑުގެ އަމާޒަކީ ޞިއްޙީ ޚިދުމަތް ހޯދުމަށް ބޮޑު ތަކުލީފުގައި ރާއްޖެއިން ބޭރަށްގޮސް ޚިދުމަތް ހޯދުމަށް ކުރާ ދަތުރުތައް ނިމުމަކަށް ގެނައުން. އެކަން ނިމުމަކަށް ގެނައުމަށް ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކޮށް ރަނގަޅު ފެންވަރަށް ޤާއިމްކުރަނީ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ފެންވަރުވެސް ރަނގަޅު ކުރަނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީއާއި ޚިދުމަތްތައް ފުޅާކުރުމުގެ އިތުރަށް އިންސާނީ ވަޞީލަތްތައް ބިނާކުރުމަށްވެސް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް އައިރު މާލެ ސަރަޙައްދުން އެކަނިވެސް 700 އަށްވުރެ ގިނަ ވަޒީފާ ޞިއްޙީ ދާއިރާއިން ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖެއިން 1200 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.