ރާއްޖޭގެ އޮލިމްޕިކް މޫވްމަންޓް ދިރުވައި އާލާކޮށް، ކުޅިވަރާއި ކުޅުންތެރިން ކުރިއަރުވައި، ކުޅިވަރު އައު އުސްމިންތަކަށް ގެންގޮސް، ކުޅިވަރުން ގައުމަށް ރީތިނަމާއި ޝަރަފު ހޯދައިދިނުމަށް މެންބަރު އެސޯސިއޭޝަންތައް ގުޅިގެން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުން ދެއްވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.
އެމްއޯސީގެ ރައީސް މިހެން ވިދާޅުވީ އިއްޔެ ބޭއްވި އިންތިޚާބުގައި އައު ދައުރަކަށް ރައީސްކަމާއި ހަވާލުވެލެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ސައްތާރު ވިދާޅުވީ ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެމްއޯސީއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާ ކަމަށެވެ. އަދި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއެކި އިދާރާތަކުން ދޭ އެހީތެރިކަންވެސް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ސައްތާރު ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރަންފަށާފައިވާ ކުޅިވަރު ތަރައްޤީކުރުމުގެ ދުރުރާސްތާ ޕްލޭނަށް އަމަލުކުރުމަށް އެމްއޯސީން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، ރާއްޖޭގެ އެކި ކުޅިވަރުތައް ކުޅޭ އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި މަތީ ވަނަތައް ހޯދުމަށް ފުރުސަތުތައް އިތުރު ކޮށްދެއްވުމަށްވެސް ކުރިޔަށް މިއޮތް ދައުރުގައި އެމްއޯސީން ވަރަށް ބޮޑަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.
އަދި ރާއްޖޭގެ މަތީ ފަންތީގެ އެތުލީޓުންގެ ތަމްރީނަށް ފޯކަސް ކުރައްވައިގެން ގިނަ ކަންކަން ކުރިޔަށް ގެންދެވޭނެ މަގަށް މަސައްކަތްތައް ބައްޓަން ކުރައްވާ ސަރުކާރުން ކުރިޔަށްއޮތްތަނުގައި ކުޅިވަރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކޮށްދިނުމަށް އެމްއޯސީން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
އެމްއޯސީއަށް ކުޅިވަރު ވަޒީރު ރާފިއު އާއި އެމްއޯސީގެ ކުރީގެ ނައިބު ރައީސް އަދި މިހާރު ކޮމިޝަނަރ އޮފް ސްޕޯޓްސް، ޠަލާލް ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވަމުން ސައްތާރު ވިދާޅުވީ ނިމިގެން ދިޔަ ދައުރުގައިވެސް އެމްއޯސީގެ ހުރިހާ ކަމަކަށް ސަރުކާރުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވި ކަމަށާއި، ވަރަށް ގާތްގުޅުމެއް ދަމަހައްޓަމުން ގެންދެވި ކަމަށެވެ.