ޚަބަރު

ލާޒިއޯގެ ކޯޗަކަށް ސާރީ ހަމަޖައްސައިފި


އިޓަލީގެ ލާޒިއޯގެ ކޯޗަކަށް މީގެ ކުރިން އެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ އަނެއްކާވެސް ހަމަޖައްސައިފިއެވެ.

މީގެ އެއް އަހަރު ކުރިން ލާޒިއޯގެ ކޯޗު ކަމުން އަމިއްލައަށް އިސްތިއުފާ ދިން ސާރީ އަލުން އެ ކްލަބުގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސާރީ އަލުން ލާޒިއޯގެ ކޯޗު ކަމުގެ މަގާމާއި ހަމަވާލުވެފައިވާއިރު އޭގެ މާ ބޮޑު ތަފްސީލެއް އެ ކްލަބުން ހާމަކޮށްފައެއް ނުވެއެވެ.

ލާޒިއޯގެ ރައީސް އާއި ހަވާލާދީ އެ ކްލަބުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސާރީ އަލުން އަނބުރާ އެ ކްލަބާއި ގުޅިފައިވަނީ އޭނާ އާއިއެކު އެ ކްލަބުން ކުރިން ފަށާފައިވާ މަސައްކަތްތައް ކާމިޔާބު ކުރުމަށް ކަމަށެވެ.

ތިން އަހަރަށްފަހު ސާރީ ލާޒިއޯގެ ކޯޗު ކަމުން އިސްތިއުފާ ދީފައިވަނީ 2024 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. 24-2023 ވަނަ އަހަރުގެ ސީޒަނުގައި ލާޒިއޯ އަށް ލިބިފައިވަނީ ތާވަލުގެ ހަތްވަނަ މަގާމެވެ. ނަމަވެސް އޭގެ ކުރީ ސީޒަނުގައި ސާރީގެ އިރުޝާދުގެ ދަށުން އެ ކްލަބުން ވަނީ ދެވަނައިގައި އޮވެ ލީގު ނިންމާލާފަ އެވެ.

މި ސީޒަނުގައި މާކޯ ބަރޯނީގެ އިރުޝާދުގެ ދަށުން އެ ކްލަބަށް އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާއިރު. ލީގު ނިންމާލިއިރު އެ ކްލަބް އޮތީ ތާވަލުގެ ހަތްވަނައިގަ އެވެ.