އިންޑިޔާގެ އިރުދެކުނު ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރާގައި، ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ބޯކޮށްވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން، މިހާތަނަށް 34 މީހުން މަރުވެފައިވާކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކޮށްފައިވާއިރު، ހިމާލަޔާ ސްޓޭޓްގެ ސިއްކިމްގައި ތާށިވެފައިތިބި، 1،000 އަށް ވުރެ ގިނަ ފަތުރުވެރިން ސަލާމަތް ކުރުމުގެ މަސައްކަތް އިންޑިއާގެ އަސްކަރިއްޔާއިން މިއަދު ފަށާފައިވާ ކަމަށް އިންޑިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ސިއްކިމްގެ އިތުރުން މެގަލާޔާ ސްޓޭޓުގައި ފެންބޮޑުވުމުގެ ސަބަބުން ތާށިވެފައިތިބި 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކުރަން ވެސް އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިޔާގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝްގެ އިތުރު ދެކުނު ސަރަޙައްދުގެ ބޮޑު ބައެއްގައި ވެސް ފެންބޮޑުވެ، ފަރުބަދަމަތީ ހަތަރު ސަރަޙައްދެއްގައި ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ހިޔާތައް ވަނީ ޤާއިމުކޮށްފައެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން އިތުރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ޙާއްސަކޮށް ފަރުބަދަމަތީގެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިވުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާގެ އިރުއުތުރާއި ބަންގްލަދޭޝް އަށް ވެސް ހުޅަނގު މޫސުމުގެ ވިއްސާރައާއެކު، ބިންގަނޑު ކަނޑައިގެން ދިޔުމާއި ފެންބޮޑުވުމުގެ ސަބަބުން ކޮންމެ އަހަރަކު އެތައް މިލިއަން މީހުންނަށް އަސަރު ކުރެއެވެ.