ޚަބަރު

"ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


  • މި ޕްރޮގުރާމް އޮންނާނީ ޖުލައި 5 އިން 12އަށް

  • ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 10

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އަންހެނުން ތަމްރީނުކުރުމަށް ބާއްވާ "ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން"ގެ މިއަހަރުގެ ފުރަތަމަ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފިއެވެ.

މި ޕްރޮގުރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ ޖުލައި މަހުގެ 5އިން ފެށިގެން 12ވަނަ ދުވަހުގެ ނިޔަލަށް މާލޭގައެވެ.

މިއީ ޔޫއެންޑީޕީ މޯލްޑިވްސްއާއި، ރައްޔިތުންގެ މަޖިލީހާއި، އޮސްޓްރޭލިއަން އެއިޑް އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއާއި ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގައި ބައިވެރިވެވޭނީ 25 އަހަރުން މަތީގެ އަންހެނުންނަށްކަމަށް ޔޫއެންޑީޕީއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 10ވަނަ ދުވަހުގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ޔޫއެންޑީޕީއިން ވަނީ އެދިފައެވެ.

ޔޫއެންޑީޕީން ވިދާޅުވީ، މި ޕްރޮގުރާމުގައި ބައިވެރިވުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މީހުން ހޮވުމަށް ހަމަޖެހިފައިވަނީ ބެޗުތަކަކަށެވެ. އެގޮތުން ކޮންމެ ބުރަކުވެސް 40 ފަރާތަކަށް ފުރުޞަތު ދެވޭނެކަމަށެވެ. އަދި މިގޮތަށް ހޮވާއިރު، ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުގުވެރިވުމުގެ އިތުރުން، ސިޔާސީ ޕާޓީތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެންޖީއޯތަކާއި، މުޖުތަމަޢުގެ ހަރަކާތްތަކުގައި މީގެ ކުރިން ކޮށްފައިވާ ތަޖުރިބާއަށް ބެލޭނެކަމަށް ޔޫއެންޑީޕީން ވިދާޅުވެއެވެ.

"ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމަން" ޕްރޮގުރާމަކީ ކޮންމެ އަހަރަކުވެސް ޔޫއެންޑީޕީ މޯލްޑިވްސް އިންނަގައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް ފަށާފައިވަނީ 2021ވަނަ އަހަރުގައެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ޑިމޮކްރެޓިކް މަރުހަލާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މުޖުތަމައުތަކުގައި ބަދަލު ގެނައުމަށް މަސައްކަތް ކުރާ ބަޔަކަށްވެ، އިންތިޚާބުކުރެވޭ މަޤާމުތަކަށް ވާދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ. ވަކިން ޚާއްޞަކޮށް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ ޤާބިލުކަމާއި ހުނަރު އިތުރުކޮށް އިންތިޚާބުކުރެވޭ މަގާމުތަކަށް ވާދަކުރުމަށް ބޭނުންވާ ހުނަރާއި ޢިލްމު ފޯރުކޮށްދިނުމެވެ.

ޕްރެކްޓިސް ޕާލަމެންޓް ސީރީޒްގައި މަދަނީ ތަޢުލީމުގެ މުހިންމު ބައިތަކާއި، ރައްޔިތުންގެ މަޖިލީހުގެ މުހިންމު މަސައްކަތްތަކާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި މިޕްރޮގްރާމުގެ ބައިވެރިންގެ މެދުގައި މަޖިލީހުގެ ޖަލްސާއެއްގެ ނަމޫނާ މާދިރީއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.