ޚަބަރު

ޝެލްޓަން ބަލިކޮށް އަލްކަރާޒް ކުއާޓާ ފައިނަލަށް


ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރަތުގެ ކުއާޓާ ފައިނަލްގެ ޖާގައެއް ސްޕެއިންގެ ކާލޯސް އަލްކަރާޒް ހޯދައިފިއެވެ.

އެންމެ ފަހުގެ ޗެމްޕިއަން އަލްކަރާޒް މި މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އިއްޔެ އެމެރިކާގެ ބެން ޝެލްޓަންއާ ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗުގެ ފުރަތަމަ ދެ ސެޓު ހަތެއް ހައެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން އަލްކަރާޒް މޮޅުވި ނަމަވެސް، ތިންވަނަ ސެޓު ހަތަރެއް ހައެއްގެ ނަތީޖާއަކުން ޝެލްޓަން ވަނީ ކާމިޔާބުކޮށްފައެވެ. އަލްކަރާޒްއަށް މެޗު ލިބިފައިވަނީ ހަތަރުވަނަ ސެޓުގައި ހައެއް ހަތަރެއްގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އުމުރުން 22 އަހަރުގެ އަލްކަރާޒް ހޯދާފައިވާއިރު, ކުއާޓަރ ފައިނަލުގައިވެސް އޭނާ އާއި ދެކޮޅަށް ނިކުންނާނީ އެމެރިކާގެ ކުޅުންތެރިއެއް ކަމުގައިވާ ޓޯމީ ޕޯލްއެވެ.

މި މުބާރާތުގެ އަންހެން އިވެންޓުގައި އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އެރީނާ ސަބަލެންކާ ވަނީ އެމެރިކާގެ އަމަންޑާ އިނިސިމޯވާ އަތުން ހަތެއް ފަހެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. އޭނާއާ ދެކޮޅަށް ކުއާޓަރ ފައިނަލުގައި ނިކުންނާނީ އޮލިމްޕިކް ޗެމްޕިއަން ޗައިނާގެ ޒެން ކިންވެން އެވެ.

މީގެ އިތުރުން އެންމެ ފަހުގެ އަންހެން ޗެމްޕިއަން އިގާ ސްވިއަޓެކް ވަނީ އެލީނާ ރައިބަކީނާ އަތުން އެކެއް ހައެއް, ހައެއް ތިނެއް އަދި ހަތެއް ފަހެއްގެ ނަތީޖައަކުން މޮޅުވެ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފަ އެވެ.