ދިވެހިންނަކީ އުފެއްދުންތެރި، އިޖާދީ ވިސްނުމުގެ ބައެއްކަން އެންމެ ބޮޑަށް ފެނިގެންދާ އެއް ތަނަކީ ކުރިއްސުރެ ބާއްވަމުންއައި ދިވެހިން އުފެއްދުންތެރިކަމުގެ މަޢުރަޒެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު މި މަޢުރަޒު އޮތީ މެދުކެނޑިފައެވެ. އަލުން މަޢުރަޒު ފައްޓަވައި ދިވެހިންގެ އުފެއްދުންތެރިކަމަށް ދިރުން ގެނެސްދެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ މުހިންމު އަމާޒެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ރިޔާސީ ކެމްޕެއިން ދުވަސްވަރު ރަށްރަށަށް ވަޑައިގެން ވިދާޅުވި އެއް ވާހަކަފުޅަކީ ދިވެހިންގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ކުރަން ޖެހޭ މަސައްކަތުގެ ވާހަކައެވެ. ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ"އެއް ޤާއިމްކޮށް އެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަކީ އެމަނިކުފާނު ވަޢުދެކެވެ.
މިކަން ކުރުމަށް އިންތިޒާމީ ގިނަ ބަދަލުތަކެއް ގެންނަން ޖެހޭކަން އެމަނިކުފާނު ދެނެވަޑައިގަތެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު، ފުރަތަމަ ކުރެއްވި ކަމަކީ ޤައުމުގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި ސަލާމަތްކުރުމެވެ. މިކަމަށްޓަކައި ކުރެއްވި އާދަޔާ ޚިލާފު ބުރަ މަސައްކަތުގެ އަހަރަކަށްފަހު، މިއަހަރު އެމަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ދިވެހީންގެ އުފެއްދުތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް މަޢުރަޒެއް ކުރިއަށް ގެންދަވާނެކަން އިއުލާން ކުރައްވާފައެވެ. މިއީ އެމަނިކުނު ރިޔާސީ ކެމްޕެއިންގައި ކުރެއްސެވި ދިވެހިންގެ އުފެއްދުންތެރިކަމުގެ ރަސްމަގުގެ ފެށުމެވެ.
"ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ބާއްވާ މި މައުރަޒުގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤުތިޞާދުގައި ހިއްސާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި، އާ އުފެއްދުންތައް އުފައްދައި، އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމަށާއި، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތަނަކުން މިފަދަ އުފެއްދުންތައް ފެންނާނޭ ފަދަ މާހައުލެއް ގާއިމުވެގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ނިމުނު މެއި މަހުގެ 23އިން 31އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް ހިތްވަރުދީ އެތައް އުންމީދެއް އާވެގެންދިޔަ ކާމިޔާބު މައުރަޒެއްކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ރައީސް ވިދާޅުވިގޮތަށް އެވިދާޅުވި ކޮލިޓީގައި މައުރަޒު މިވަނީ ބާއްވައި ނިންމަވާފައެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވި އެހެން އެއްވެސް މިފަދަ މައުރަޒަކަށް ނުލިބޭހާ ބޮޑު ތަރުޙީބެއް މި މައުރަޒަށް ލިބުނެވެ. މިމަޢުރަޒު ކުރިއަށް ގެންދިޔަ 9 ދުވަހުގެ ތެރޭގައި ދެލައްކައަށް ވުރެ ގިނަ މީހުން މަޢުރަޒަށް ޒިޔާރަތްކޮށްފައިވާކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަދަ ބޮޑު މަޢުރަޒެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތަޞައްވުރާ އެއްގޮތަށް ޤައުމުގެ "ކްރިއޭޓިވް އިންޑަސްޓްރީ" ބާރުވެރި ކުރުވުން ކަމަށެވެ. ވަޒީރު ވިދާޅުވީ ގިނަ ދާއިރާތަކެއް ހިމެނިގެން ޢާއިލާތަކަށާއި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދެވުނު މަޢުރުޒަރުގެ ކަމިޔާބީގެ އެންމެ ބޮޑު ސިއްރަކީ، ދިވެހި ފަންނުވެރީންނާއި، އުފެއްދުންތެރީންގެ އިތުރުން ހީވާގި މަސައްކަތްތެރީން ކަމަށެވެ.
މި މައުރަޒުގައި 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 383 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި 3600 އަަށްވުރެ ގިނަ އުފެއްދުންތައް މި މައުރަޒުގައި ބައިވެރިކޮށްފައިވާއިރު، އެންމެ ގިނައިން ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. މިފަހަރުގެ މަޢުރަޒުގައި، ގިނަ އުފެއްދުންތަކެއް ބައިވެރިކޮށްފައިވާއިރު ފާހަގަކޮށްލެވޭ އުފެއްދުންތައް ވަޒަންކޮށް ވަނަތަކަށް ދިޔަ އުފެއްދުންތަކަށް ވެސް ވަނީ އިނާމު ދީފައެވެ.
މިއަހަރުގެ މަޢުރަޒަކީ މިހާތަނަށް ބޭއްވުނު އެންމެ ބޮޑު މަޢުރަޒު ކަމަށްވާއިރު މިތަނަށް ޒިޔާރަތް ކުރި އެންމެންވެސް ވަނީ މަޢުރަޒުގެ ސަބަބުން ހިތްހަމަޖެހޫމާއި އުފާވެރިކަން ލިބިގެން ދިޔަކަން ފާހަގަކޮށްފައެވެ.
މިއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢީއްޒު ވަނީ އަންނަ އަހަރަކީ ދިވެހީންގެ އުފެއްދުންތިރިކަމުގެ އަހަރަކަށް ހެއްދެއްވުމަށް ނިންމަވާފައިކަން ހާމަކުރައްވާފައެވެ. އަދި މިމަޢުރުޒަރުގެ ތެރެއިން ފެނުނު ކަންކަމަށް ބަލާ، 2030ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ޖީޑީޕީގެ 15 އިންސައްތައަކީ ކްރީއޭޓިވް އިކޮނޮމީ ކަމަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް އުއްމީދު ކުރިވަރަށް ވުރެ އަވަހަށް ހާސިލްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.