ގދ. ފިޔޯރީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް އެ ރަށު ކައުންސިލާއެކު މަޝްވަރާ ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި މަޝްވަރާތައް ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގދ. ފިޔޯރީ ކައުންސިލްގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިޔޯރީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މި މަޝްވަރާތަކުގައި، ރަށުގެ ޒުވާނުން މިހާރު ފުޓްސަލް ކުޅުމަށް ބޭނުންކުރަމުންދާ ދަނޑާއި، އަދި ރަށާ އިންވެގެންވާ ފަޅުރަށްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް ނިންމަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.