އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެެވެ.
އެމަނކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި ސޯޝަލް މިޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ބެލެނިވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ހުރިހާ ބެލެނިވެރިންނަށް ފޮނުއްވައިފިއެވެ. ރައީސް ވިދާޅުވީ، ބެލެނިވެރިންގެ ދުވަހު ޒުވާން އަދި އަލަށް ބެލެނިވެރިއަކަށްވި ފަރާތްތަކުގެ އަގުވަޒަންކުރައްވާކަމަށެވެ. ބެލެނިވެރިންނަކީ ގައުމުގެ ޒުވާން ޖީލު ބައްޓައްކޮށް ތަރުބިއްޔަތުކުރުމުގެ ޒިންމާ އުފުލާ އެންމެ މުހިންމު ފަރާތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
On this Global Day of Parents, let us celebrate young and first-time parents who, through countless trials and tribulations, embrace the noble duty of nurturing and shaping future generations.
— Dr Mohamed Muizzu (@MMuizzu) June 1, 2025
My administration remains committed to supporting parents by providing the necessary… pic.twitter.com/H4xpxvJ5Ow
މިސަރުކާރުން ބެލެނިވެރިންނަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ. އުފާވެރި ދުޅަހެޔޮ އަދި އިސްލާމީ ރިވެތި އަޚުލާގުގެ މަތީގައި ބޮޑުވާ ޖީލެއް ބިނާކުރުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތަކާއި، އެކަމަށް އެކަށީގެންވާ މާހައުލެއް ބިނާކުރުމާއި އަދި ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ބެލެނިވެރިން ނުވަތަ ޕޭރަންޓްސް ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ބެލެނިވެރިން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.