ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ބީޗް ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބޮންތި އާއި ޒެފްރޯލްއަށް


ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ބީޗް ހޭންޑްބޯލް ޗެލެންޖްގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ކުލަބު ޒެފްރޯލް އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބޮންތި ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިޔަށްދިޔަ މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗު ކުލަބު ޒެފްރޯލް އިން ކާމިޔާބުކުރީ ކުލަބު ވިޗެންޒާއާ ބައްދަލުކޮށް 2 ސެޓް 1 ސެޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަރިޔަމް ލީން އަހުމަދުއެވެ.

ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބޮންތި ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީވެސް 2 ސެޓް 1 ސެޓުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝައިހާން ޝައުކަތެވެ.

މުބާރާތުގެ އެންމެ އުންމީދީ އަންހެން ކުޅުންތެރިޔަކަށް ހޮވުނީ ފާތުމަތު އަމާނީ އަހުމަދު ޝިޔާމްއެވެ. އެންމެ އުންމީދީ ފިރިހެން ކުޅުންތެރިޔަކަށް ހޮވުނީ އަބުދުالله އައްޒާމް ޝަފީގެވެ.

މުބާރާތުގެ އެންމެ މޮޅު 4 އަންހެން ކުޅުންތެރިންނަކީ ޒެފްރޯލްގެ މަރިޔަމް ލީން އަހުމަދު، ކުލަބު ވިސެންޒާގެ ޔަޝްފާ އާދަމް، ޒެފަރސްގެ ފާތިމަތު ލީން ބިންތް ޔާސިރް އަދި ޒެފްރޯލްގެ އައިމިނަތު ޝަފާއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ ބޮންތި ސްޕޯޓްސް ކުލަބްގެ އަހުމަދު ނަވާޒް، ޝައިހާން ޝައުކަތް އާއި ސޯލްޓީޒްގެ އަހުމަދު ރަޒްނީ މުހައްމަދު އަދި ގޯޓް ސްޕޯޓްސް ކުލަބުގެ ލަހްފާން އަހުމަދު ޝަހީދުއެވެ.

މި މުބާރާތުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދެވެ. އަދި ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއުއާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރސާމިޙް އާދަމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ވިސެންޒާގެ ޔަޝްފާ އާދަމްއެވެ. އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކަށް ހޮވުނީ ސޯލްޓީޒްގެ އަހުމަދު ރަޒްނީ މުހައްމަދުއެވެ.

މުބާރާތުގެ ރަނަރަޕް ޓީމު ތަކަށް މެޑަލް ހަވާލުކޮށްދެއްވީ ބީސީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޒިޔާއުއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމުތަކަށް މެޑަލް އާއި ޓްރޮފީ ހަވާލުކޮށްދެއްވީ ވަޒީރު ސައީދެވެ.

ވަން ގޭމްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ބީޗް ހޭންޑްބޯލް ޗެލެންޖްގައި މުބާރާތުގައި ދެ ޑިވިޝަނުން ޖުމްލަ 16 ޓީމެއް ވާދަކުރިއެވެ.

މިއީ ދިވެހިން އުފެއްދުންތެރިކަމުގެ މައުރަޒުން މުޅިން އަލަށް ހޭންޑް ބޯޅަ ކޮމިއުނިޓީއަށް ފަހިކޮށްދިން ފުރުސަތެކެވެ. މިކަމަށްޓަކައި ސަރުކާރަށް ވަން ގޭމްސްއިން ވަނީ ޝުކުރު އަދާކޮށްފައެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ ބީޗް ހޭންޑްބޯލް ގުރައުންޑަކީ މާލެ ސަރަހައްދުގައި އެކަމަށް ހާއްސަކޮށްގެން ތަރައްޤީކޮށްފައިވާ ހަމައެކަނި ގްރައުންޑެވެ.