ކަރަންޓުގެ އަގުތަކަށް ގެންނެވި ބަދަލު ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒުކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން، ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ %19.3 ކަސްޓަމަރުންނަކީ 100 ބޭންޑަށްވުރެ ދަށުން ކަރަންޓު ބޭނުންކުރާ ފަރާތްތައް ކަމަށާއި އެބޭންޑުތަކުގެ އަގު 1.50 ރުފިޔާއިން 1.25 ރުފިޔާއަށް ކުޑަކުރައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ ބޮޑު އިންސައްތައެއް ބޭނުންކުރަނީ 101ން 400 އާ ދެމެދުގެ ބޭންޑުކަމަށާއި އެ ބޭންޑުތަކުގެ އަގު އެއް ހަމަކޮށް 1.50ރުފިޔާއަށް ބަދަލުކުރައްވަން ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރަކުން މިފަދަ ނިންމެވުމެއް ނިންމެވި ފުރަތަމަ ފަހަރުކަން ފާާހަގަކުރައްވައި ރައީސް ވިދާޅުވީ ކަރަންޓުގެ އަގުހެޔޮ ކުރުމަށް ނިންމެވީ ސަރުކާރުން ހަކަތައިގެ ޕޮލިސީ މެނޭޖްކުރުމުގައި ހުރި މައްސަލަތަކުގެ ބުރަ ރައްޔިތުން ނަގަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި ރައްޔިތުން އެ ބުރަ އުފުލަންޖެހޭގޮތަށް ކުރީ ސަރުކާރުތަކުން ކުރި ކަންކަމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ފާއިތުވި ދޮޅު އަހަރު ބެއްލެވީ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އެކަމުގައި ލުއި ހޯދައިދެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
"ސަރުކާރެއްގެ ބޭނުމަކީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުން. އަޅުގަނޑު މިނިންމީ ރައްޔިތުންގެ އާމްދަނީ ހުރި މިންވަރުން އަތްފޯރާފަށުގައި ލުއިފަސޭހަކޮށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. އެކަން މެނޭޖްކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކުރާނެ. ސްޓޭލްކޯގެ އެފިޝަންސީ ރަނގަޅު ކުރަންޖެހުނަސް، ފެނަކައިގައި ހުރި މާލީ މައްސަލަތަކަށްވިޔަސް، ރަނގަޅު ކުރަންޖެހޭ،" ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިއާދަކުރަނިވި ހަކަތައަށް ސަރުކާރުން ވަރަށް ބޮޑު އިންވެސްޓެއް ކުރައްވާނެ ކަމަށެވެ. އެގޮތުން، 2028އާ ހަމައަށްދާއިރު ޓާގެޓަކީ ރާއްޖޭގެ ހަކަތައިގެ %30 އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެއްވުން ކަމަށާއި ސްޓެލްކޯއާ ފެނަކަ ހަރުދަނާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ އަގަށް ގެންނަވާ ބަދަލުތަކުގެ އަގުތައް ތަންފީޒުކުރަން ކުރަންޖެހުނު ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޖޫން އެކަކުން ފެށިގެން ހުރިހާ ކުންފުނިތަކަކުންވެސް ކަރަންޓު ފޯރުކޮށްދޭނީ އައު އަގުތަކުގައި ކަމަށެވެ.