ޚަބަރު

މުބާރާތެއް ކުޅެފައި ދިޔުމުން ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކަށް ފައިދާކުރާނެ: ޝިބާއު


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ ލީގު ކަޕް 2025 ގެ ސަބަބުން ގައުމީ ޓީމުގެ ކުރިއަށްހުރި މެޗުތަކަށް ފައިދާކުރާނެ ކަމަށް ގައުމީ ޓީމުގެ މެނޭޖަރު އަބްދުﷲ ޝިބާއު ބުނެފިއެވެ.

ލީގު ކަޕް ފުޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ޝިބާއު ބުނީ ފުޓްބޯޅަ ވަރަށް ދަށް ހާލަތެއްގައި އޮއްވައި މަޑުމަޑުން ކުރިއަރަން ޖެހެން ފަށާފައިވާ ކަމަށެވެ.

"ބޯޅަ ވަރަށް ދަށް ހާލަތެއްގައި އޮވެފަ މަޑުމަޑުން އަރަން ފައްޓާފަ މިއޮތީ. ނުކުޅެވި ދެއަހަރު މިވީ ގާތްގަނޑަކަށް ފުޓްބޯޅަ ކުޅެން ފެށީމަ ހަމަގައިމުވެސް ދިވެއްސެއްގެ ހައިސިއްޔަތުން ވަރަށް އުފާވޭ. އެހެންވީމަ އުންމީދު ކުރަނީ ނަތީޖާ ހަމަ މަޑުމަޑުން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވާނެ ކަމަށް، ދެން މީގަ މަސައްކަތް ކުރެވޭނީ ގަބޫލުކުރަންޖެހޭނެ ދަތިތަކެއް އެބަހުރި އަހަރުމެންނަށް. އެ ދަތިތަކާއެކުވެސް ރަނގަޅު ކުޅުމެއް ދެއްކިއްޖެއްޔާ ރަނގަޅުވާނެ" ޝިބާއު ބުންޏެވެ.

އެފްއޭއެމް ލީގު ކަޕްގެ ސަބަބުން ބައިނަލްއަގްވާމީ މެޗުތަކަށް ގައުމީ ޓީމު ދާއިރު ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރާކަން ފާހަގަ ކުރަމުން ޝިބާއު ބުނީ ނުކުޅެ ތިބެފައި ދިއުމަށްވުރެ މުބާރާތެއްގައި ކުޅެފައި ދިއުމުން ފައިދާ ބޮޑުވާނެ ކަމަށެވެ.

"ހަމަގައިމުވެސްނުކުޅެ ތިބެ ތަނަކަށް ދިއުމަށްވުރެ ކަމެއް ކޮށްފައި ދިޔައީމަ އޭގެ ފައިދާ ބޮޑުވާނެ ޓީމެއްގެ ގޮތުގައި" ޝިބާއު ބުންޏެވެ.

ލީގު ކަޕާ ގުޅޭގޮތުން ޖުމްލަކޮށް ބުނާނަމަ މިއީ ޤައުމީ ޓީމުގެ ކޯޗިން ޓީމަށާއި ޓެކްނިކަލް ޓީމަށް، ސްކޮޑް ސެލެކްޓް ކުރަން ލިބިގެން ދިޔަ ރަނގަޅު ފުރުސަތެއް ކަމަށްވެސް ޝިބާއު ބުންޏެވެ.

ގައުމީ ޓީމުން ބައިނަލްއަގްވާމީ ދެ މެޗަކަށް ތައްޔާރުވަމުން އަންނަ މި ދަނޑިވަޅުގައި ޝިބާއު ބުނީ ކުރިޔަށް އޮތް ދެ މެޗުގައިވެސް ރަނގަޅު ނަތީޖާއަކަށް އުންމީދު ކުރާ ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުން އެންމެ އަވަހަށް ކުޅެން ހަމަޖެހިފައިވަނީ ޖޫން 5 ގައި ސިންގަޕޫރާއެކު ކުޅޭ އެކުވެރިކަމުގެ މެޗެކެވެ. އެއަށްފަހު ޖޫން 10 ގައި ޓީމޯ ލެސްޓޭ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އޮސްޓްރޭލިއާގައެވެ.