މިއަހަރުގެ ފުރަތަމަ 18 ހަފްތާ ނިމުނުއިރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދަޢުލަތަށް 14.9 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ކަންތައްތަކާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 14.9 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 5.6 އިންސައްތަ އިތުރު އަދެދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 18 ހަފްތާތެރޭގައި ލިބުނު އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސްގެ އާމްދަނީގެ ގޮތުގައި ލިބުނު 11.6 ބިލިޔަން ރުފިޔާއާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު 3.2 ބިލިޔަން ރުފިޔާއެވެ.
ފާއިތުވި ހަފްތާގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 13.7 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދާ އަޅައިބަލާއިރު 17.9 އިންސައްތަ ދަށް ޢަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ޚަރަދު 3.8 އިންސައްތައިން ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 64.2 އިންސައްތައިން ދަށްވެފައެވެ.
މި ހިންގާ މެއި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކޮށްފައިވާ ރިކަރަންޓް ޚަރަދުގެ 60.9 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ޚަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅައިބަލާއިރު 8.7 އިންސައްތަ ދަށް ޢަދަދެކެވެ.
އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ޚަރަދު 70.3 އިންސައްތައިން ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު ވަނީ 27.1 އިންސައްތައިން ދަށްވެފައެވެ. ހަމައެހެންމެ، ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ މިވަނީ، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 15.7 އިންސައްތައިން ދަށްވެފައެވެ.
މި ޚަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް، އާސަންދައަށާއި، ޚިދުމަތްދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި، ލޯނުގެ ޚިދުމަތަށް ޚަރަދުކޮށްފައިވާ މިންވަރު، ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު ވަނީ އިތުރުވެފައެވެ.
މީގެ އިތުރުން، ނިމިދިޔަ ހަފްތާގެ ނިޔަލަށް ކެޕިޓަލް ޚަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.4 ބިލިޔަން ރުފިޔާއެވެ. އެގޮތުން، މަގުތަކާއި ބްރިޖްތަކާއި އެއަރޕޯޓްތަކަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިޔަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި، މި އަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީއާއި ހިލޭ އެހީގެ 37.3 އިންސައްތަ، 22 މެއިގެ ނިޔަލަށް ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ޚަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 28 އިންސައްތައެވެ.