އިޓަލީގެ ޗެމްޕިއަން ނާޕޮލީގެ ކޯޗުކަމުގައި މަޑުކުރަން އެންޓޯނިއޯ ކޮންޓޭ އެއްބަސްވެއްޖެއެވެ.
އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނަނީ ކޮންޓޭ މި ކަމަށް އެއްބަސްވީ އޭނާގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ނާޕޮލީގެ ރައީސް އައުރެލިއޯ ޑި ލޯރެންޓިސް އެއްބަސްވުމުން ކަމަށެވެ.
އެންމެ ޕޮއިންޓެއްގެ ތަފާތުން ހުސްވި ސީޒަނުގެ އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ނާޕޮލީއަށް ހޯދައިދިން ކޯޗު ވަނީ ކުލަބުގެ ރައީސާއެކު ވަރަށް ދިގުދެމިގެންދިޔަ މީޓިން އެއް ހުސްވި ހަފުތާގައި ބާއްވައިފަ އެވެ. އޭނާގެ މި ބައްދަލުވުމުގެ ކުރިން އާއިލާ އާއި ކުޅުންތެރިންނާއި ކޯޗިން ޓީމުނާއި ސަޕޯޓަރުން ވެސް އެދެމުން ދިޔައީ ކުލަބުގައި މަޑުނުކުރާނެ ކަމަށް ކޮންޓޭ ބުނެފައިވާ ބުނުން ބަދަލު ކޮށްދިނުމަށެވެ.
ކޮންޓޭ އަކީ އިޓަލީގައި ތާރީހީ އަދި ކާމިޔާބު ކޯޗެކެވެ. އޭނާ ވަނީ ނާޕޮލީގެ އިތުރުން ޔުވެންޓަސް އާއި އިންޓަ މިލާނަށް ވެސް ލީގު ޗެމްޕިއަންކަން ހޯދައިދީފަ އެވެ. ތިން ކުލަބަކަށް މި ތަށި ހޯދައިދިން ހަމައެކަނި ކޯޗަކީ ވެސް އޭނާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ނާޕޮލީގެ ރައީސް ވަނީ މޮޅު ކުޅުންތެރިން ހޯދައިދޭނެ ކަމަށް ވެސް ކޮންޓޭ އަށް ޔަގީންކަން ދީފަ އެވެ. މި ގޮތުން އެއް ކުޅުންތެރިއަކީ މެންޗެސްޓާ ސިޓީގެ ކެޕްޓަން ބެލްޖިއަމްގެ ކެވިން ޑި ބްރޭނާއެވެ. ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ޖޫން މަސް ނިމުން ހަމަވާއިރު ޑި ބްރޭނާގެ ސޮއި ލިބޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ނާޕޮލީން މިހާރު ވަނީ ބުނެފައެވެ.