ޚަބަރު

ރާއްޖޭގެ 4 އަތޮޅެއްގައި ޤާއިމުކުރި ޑަޔަލަސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި


  • ޚިދުމަތް ފެށީ ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް ގއ.އަތޮޅު ހޮސްޕިޓަލުގައި

ރާއްޖޭގެ 4 އަތޮޅެއްގައި ޤާއިމުކޮށްފައިވާ ޑަޔަލަސިސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ފައްޓަވައިދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިޚިދުމަތް ފައްޓަވައިދެއްވީ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޚާއްސަ ހަފްލާގައެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ރާއްޖޭގެ ރަށްރަށުގައި ޑަޔަލަސިސްގެ ޚިދުމަތް ދޭ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރައްވަމުންނެވެ. މިމަޝްރޫޢުގެ ދަށުން މިރޭ މިވަނީ އިތުރު 4 ރަށެއްގައި ޑަޔަލަސިސްގެ ޚިދުމަތް ފައްޓަވައިދެއްވާފައެވެ. ޑަޔަލަސިސްގެ ޚިދުމަތް އަލަށް ފެށީ ނ.ވެލިދޫ ޞިއްޙީ މަރުކަޒު، މ.މުލީ ރީޖަނަލް ހޮސްޕިޓަލް، ތ.އަތޮޅު ހޮސްޕިޓަލް އަދި ގއ.އަތޮޅު ހޮސްޕިޓަލުގައެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޑަޔަލަސިސްގެ ޚިދުމަތްދޭ މަރުކަޒްތައް އިތުރުކުރެއްވުމުގެ މަސައްކަތުގެ ދަށުން މިދިޔަ ފެބުރުއަރީމަހު ހއ.އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައިވަނީ މިޚިދުމަތް ފަށާފައެވެ. އަދި 2024 ވަނައަހަރު ށ.އަތޮޅު ހޮސްޕިޓަލުގައިވެސްވަނީ ޑަޔަލަސިސްގެ ޚިދުމަތް ފަށާފައެވެ.

ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި ރާއްޖޭގެ 5 އަތޮޅެއް ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ޑަޔަލަސިސްގެ ޚިދުމަތް މިހާރުވަނީ ފަށާފައެވެ. މިޚިދުމަތް މިހާރު ނުފެށިވަނީ އއ، އދ، ވ، ފ، އަދި ދ. އަތޮޅުގައެވެ. އެވުޒާރާއިން ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން މިހުރިހާ އަތޮޅެއްގައިވެސް ޑަޔަލަސިސްގެ ޚިދުމަތް ފެށޭނެކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ޑަޔަލަސިސްގެ ޚިދުމަތަށް ބޭނުންވެފައިވާ ގިނަ ބަޔަކު ދިރިއުޅޭ ރަށްރަށުގައިވެސް ޑަޔަލަސިސްގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އަދި ރާއްޖޭގެ ޞިއްޙީ ނިޒާމް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހަކަމާއެކު ވާސިލްވެވޭނެ ގޮތަށް ޚިދުމަތްތައް ބައްޓަންކޮށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އަމިއްލަ ރަށުގައި ހުރެގެން ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.