ޚަބަރު

ތަށި ނެގުނީ ޕްލޭނާ އެއްގޮތަށް ދެ ހާފުގައިވެސް ކުޅުންތެރިން ކުޅުމުން: ހެނާންޑޭޒް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދިޔަ ލީގު ކަޕް 2025 މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކާމިޔާބުކުރެވުނީ ޕްލޭނާ އެއްގޮތަށް ދެ ހާފުގައިވެސް ކުޅުންތެރިން ކުޅުމުން ކަމަށް އެ ޓީމުގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގައި މާޒިޔާ ސްޕޯޓްސްއިން ކުލަބު އޮޑި ސްޕޯޓްސް ކުލަބުު ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މާޒިޔާއިން ލީގު ކަޕް ކާމިޔާބުކޮށް ތަށި ހިއްލާލިއިރު ލީގު ބުރުގައި އެ ޓީމުން ވަނީ އެއްވަނަވެސް ހޯދާފައެވެ.

ދެ ހާފްގައިވެސް ޒުވާން ކުޅުންތެރިންގެ ބޭނުން ވަރަށް ރަނގަޅަށް ހިފި ކޯޗު ހެނާންޑޭޒް ބުނީ ބޭނުންވަނީ އެ ކުޅުންތެރިންނަށް ސީނިއާ ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތުދީ ތަޖްރިބާ ހޯދައިދިނުމަށްކަމަށެވެ.

މާޒިޔާއިން ޒުވާން ކުޅުންތެރިންނަށް ރޭގެ މެޗުގައި ފުރުސަތު ދިނީ ސީނިއާ ކުޅުންތެރިންނާ އެއް ލެވެލްއެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށްވެސް ކޯޗު ބުންޏެވެ.

ސީނިއާ ކުޅުންތެރިންނާއި އެއްހަމައެއްގައި ޒުވާން ކުޅުންތެރިން މުޅި މުބާރާތުގައި ދެއްކި ކުޅުމާމެދުވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށާއި، މިއީ ރާއްޖޭގެ ފުޓްބޯޅައަށް ކުރިޔަށް އޮތްތަނުގައި ފައިދާ ކުރާވަރުގެ ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށްވެސް ހެނާންޑޭޒް ފާހަގަ ކުރިއެވެ.

މާޒިޔާއިން ލީގު ކަޕްގެ ތަށި ނެގިއިރު މިއީ އެކުލަބުގެ ތާރީހުގައި ނެގި 17ވަނަ ތައްޓެވެ. މާޒިޔާއަކީ ލީގު ކަޕަށް ތައްޔާރުވި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕްރެކްޓިސް ކުރި ޓީމެވެ.

އެފްއޭއެމުން މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށާގޮތަށް ތާވަލު ކުރުމާއެކު މާޒިޔާއިން ވަނީ އެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އައު ކޯޗަކާއި އެކުގައި ތަޖުރިބާކާރު ކުޅުންތެރިންވެސް ޓީމަށް ގެނެސްފައެވެ. އެގޮތުން ޕޯޗުގަލްގެ ޑިފެންޑަރ ލުއިސް އަލްމާޑާ ފާހަގަ ކޮށްލެވެއެވެ.

އޭނާ ވަނީ ލީގުކަޕްގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެ އިތުރުން މާޒިޔާގެ ސްކޮޑް ވަރުގަދަ ކުރުމަށް މޮޒަންބީކްގެ މިޑްފީލްޑަރ ރިކާޑޯވެސް ގެނައިކަން ފާހަގަކޮށްލެވެއެވެ. ރިކާޑޯވެސް ވަނީ ލީގުކަޕްގައި މޮޅު ކުޅުމެއް ދައްކާ މާޒިޔާގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.