ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް ބަދަލުވުމާއެކު ތެލަސީމިއާ ހުންނަ ފަރާތްތަކަށް ސްޕެޝަލިސްޓް ޑޮކްްޓަރުންނަށް ފަސޭހަކަމާއެކު ދެއްކުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ތެލަސީމިއާ ސެންޓަރާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް އެ ގްރޫޕްގެ ދަށަށް ބަދަލުކުރުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރާ އެއްގޮތަށް އެ ޚިދުމަތް އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން، ލޭގެ އެކި ބަލިތައް ހުންނަ ފަރާތްތަކަށްދޭ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގައި ތެލަސީމިއާ ބައްޔަށް ހޭލުންތެރިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ތެލަސީމިއާ އާއިލާތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވަމުންދާކަން ފާހަގަކުރައްވައި އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ އޮރެންޖު ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުކުރުމުގެ ސަބަބުން ތެލަސީމިއާ ހުންނަ ފަރާތްތަކަށް ގިނަ ލުއިތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް ތެލަސީމިއާ ސެންޓަރަށް ގޮސް ހަދިޔާ ކުރަން ދަތިވާނަމަ އައިޖީއެމް ހޮސްޕިޓަލުގައިވެސް ފަސޭހައިން ލޭހަދިޔާ ކުރެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާނެ ކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.
އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ ތެލަސީމިއާ ހުންނަ ފަރާތްތަކުގެ ތެރޭގައި އެހެނިހެން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހޭ ފަރާތްތައްވެސް ހިމެނޭ ކަމަށެވެ. އެހެންވެ، އެ ފަރާތްތަކަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާނެ ކަމަށް ވިދާޅުވިއެވެ.
"ހަމައެކަނި ތެލަސީމިއާގެ އިތުރުން ވަރަށް ގިނަ އެހެން ކަންކަމަށް އެބޭފުޅުން ކޮންސަލްޓް ކުރަން ބޭނުންވާނެ. ކަށީގެ ކަންކަން އެބަހުރި ހަމައެގޮތަށް އިންޓަރނަލް މެޑިސިންގެ ކަންކަން އެބަހުރި. އެހެންވީމަ އެކަންކަމަށް އެ ބޭފުޅުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ސްޕެޝަލިސްޓް ކޮންސަލްޓޭޝަން އަޅުގަނޑުމެން ހުޅުމާލެ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗުން ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ލިބޭނެގޮތް އަޅުގަނޑުމެން ހަމަޖައްސައިދީފިން،" އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.
އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވީ މާލޭގެ އިތުރުން ރަށްރަށުގައި ތިބި ތެލަސީމިއާ ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އަތޮޅު ހޮސްޕިޓަލްތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
މީގެ އިތުރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހައްދާ ފަރާތްތަކަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ ޚިދުމަތް ފަށައި ހީމަޓޮލޮޖިސްޓެއްގެ ޚިދުމަތްވެސް ތެލަސީމިއާ ހުންނަ ފަރާތްތަކަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށްވެސް މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.