އޮޑި ސްޕޯޓްސް ކުލަބަށް ކޯޗެއް ލިބިއްޖެ ކަމަށާއި، ދިވެހި ޕްރިމިއަރ ލީގު ފެށޭ ތާރީޚު ފައިނަލްވުމުން ކޯޗާއެކު އެއްބަސްވުމަކަށްދާނެ ކަމަށް އެ ޓީމުގެ އެސިސްޓަންޓް ކޯޗު ފަރުހާދު އިސްމާޢީލް (ފަރޭ) ބުނެފިއެވެ.
ފަރޭ ބުނީ މިފަހަރުވެސް ޓީމާ ހަވާލުވަނީ ބިދޭސީ ކޯޗެއް ކަމަށެވެ. އޮޑިން މަސައްކަތްކުރަމުން އަންނަނީ ކުރިއަށް އޮތް ލީގުގެ ކުރިން ކޯޗެއް ހަމަޖެއްސުމަށް ކަމަށް އޭނާ ބުންޏެވެ. މިގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ލީގު އިއުލާންކުރިހާ އަވަހަކަށް ކޯޗާއެކު އެއްބަސްވުމަކަށްދާނެކަން ފަރޭ ވަނީ ހާމަކޮށްފައެވެ.
"އިއަން ކޯޗު ޓީމާ ވަކިވި ހިސާބުން، ލީގުކުރިއަށް އޮތީމައާއެއްކޮށް، ލީގަށް ކޯޗެއް ހޯދުމުގެ މަސައްކަތްކުރިއަށް އެބަދޭ މިހާރު. ގާތްގަނޑަކަށް ކޯޗެއް މިހާރު ފައިނަލުވެފަ އިނީ، އަނގަބަހުން ދެން އެއްބަސްވުމަކަށް އާދެވިފައިނީ ފާޑަކަށް. މިކޮޅުގަ ލީގު ފަށާ ތާރީޚު ޔަގީންވީމަ އޭނައާއެކު ރަސްމީކޮށް އެއްބަސްވުމަކަށްދާނީ" ފަރޭ ބުނެފަވެއެވެ.
އޮޑި ސްޕޯޓްސްއިން މިއަހަރުގެ މާޗު މަހުން ފެށިގެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮސްޓްރޭލިއާގެ ތަޖުރިބާކާރު ކޯޗު އިއަން އެންޑްރޫ ގިލަންގެ އިރުޝާދުގެ ދަށުންނެވެ. އެހެންނަމަވެސް އޭނާ ވަނީ މި މަހުގެ ކުރީކޮޅު މަގާމުން އިސްތިއުފާދީ، ގައުމަށް އެނބުރި ގޮސްފައެވެ. މިކަމާ ގުޅިގެން އޮޑިން އިތުރު ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން އޭރުވަނީ ހާމަކޮށްފައެވެ.
އެފްއޭއެމް ލީގު ކަޕް 2025 ގައި އޮޑި ސްޕޯޓްސްއިން މިހާތަނަށް ހޯދި ކާމިޔާބީގައި އިއަން ކޯޗުގެ ހިއްސާވެސް ހިމެނޭކަމަށް އެޓީމަށް މިހާރު އިރުޝާދުދެމުން އަންނަ އެސިސްޓަންޓު ކޯޗު ފަރޭ ވަނީ ބުނެފައެވެ. އިއަން ޓީމުން ވަކިވުމުން އޮޑީގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ ދެ އެސިސްޓެންޓް ކޯޗުން ކަމަށްވާ އަޙްމަދު ފައްރާހު (ފައްރަ) އާއި ފަރޭގެ އިރުޝާދުގެ ދަށުންނެވެ.