ޚަބަރު

މައްކާ ރޫޓް އިނީޝިއޭޓިވް: ދިވެހި ހައްޖާޖީން ޓާމިނަލުގައި ހޭދަކުރީ އެންމެ 3 މިނެޓް


  • މައްކާ ރޫޓުގެ ދަށުން ހައްޖާޖީންގެ ދެ ގްރޫޕެއް ވަނީ ސައުދީއަށް މިހާތަނަށް ގޮސްފައި

  • މައްކާ ރޫޓު ރާއްޖޭއަށް ހަމަޖައްސާފައިވަނީ ޝަރުތުތަކުން ރާއްޖެއަށް އިސްތިސްނާ ދިނުމަށް ފަހު

ދިވެހި ހައްޖާޖީން މީގެކުރިން ސައުދީ އަރަބީއްޔާގެ ޖިއްދާ އެއަޕޯޓުގެ ޓަރމިނަލުގައި ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހުނުނަމަވެސް މިފަހަރު ހޭދަކުރަން ޖެހުނީ އެންމެ 3 މިނެޓުކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މިފަހަރު ހައްޖާޖީން ޓާމިނަލުގައި މަދު ވަގުތުކޮޅެއް ހޭދަކޮށްފައި މިވަނީ ސަރުކާރުން ހަމަޖައްސައިދެއްވި މައްކާ ރޫޓު އިނީޝިއޭޓިވް ދަށުން ހައްޖަށް ދިއުމުންނެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްއަކީ 2018 އިން ފެށިގެން ސަޢުދީ ސަރުކާރުން އެ ޤައުމުގެ ޙައްޖު މިނިސްޓްރީއާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސަޢުދީ ވިޝަން 2030 ގައި ހިމެނޭ އިނިޝިއޭޓިވްއެކެވެ. މީގެދަށުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދަތުރުކުރާ ހައްޖުވެރިންނަށް، ސައުދީ އަރަބިއްޔާގެ އިމިގްރޭޝަން ކަންކަން އެ ހައްޖާޖީއަކު ހުރި ޤައުމަކުން ހަމަޖެހި، އެއަރޕޯޓުގައި ގިނަ ވަގުތު ހޭދަ ނުކޮށް ހޮޓަލަށް ދެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ. އަދި އެއަރޕޯޓުން ލަގެޖް ނަގަން ނުޖެހި ސީދާ ހޮޓަލުން އެމީހެއް ލަޖެޖް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މައްކާ ރޫޓްގެ ދަށުން މިހާތަނަށް 490 އެއްހައި ހައްޖާޖީން ސައުދި އަރަބީއްޔާއަށް ދަތުރުކޮށްފައިވާއިރު، ސަރުކާރުން ވިދާޅުވީ ޖިއްދާ އެއަޕޯޓުން ހައްޖާޖީންނަށް ހިނިތުންވުމާއެކު މަރުހަބާ ކިޔާފައިވަނީ، މައްކާ ރޫޓްގެ އޮފިޝަލުން ކަމަށެވެ. އަދި އެފަރާތްތަކުން ދެއްވި އިރުޝާދާ އެއް ގޮތަށް ޓަރމިނަލް ތެރެއަށް ވަދެގެން ދިއުމާއި ހައްޖުވެރިން ޓަރމިނަލްއިން ނުކުތުމާ ދެމެދު އެރައިވަލް ޓަރމިނަލް ތެރޭގައި ހޭދަވީ އެންމެ 3 މިނެޓުކަމަށް ސަރުކާރުން ވިދާޅުވިއެވެ.

މީގެ ކުރިން އެވްރެޖްކޮށް ހައްޖަށްދާ ކޮންމެ ގްރޫޕެއްވެސް އެއަރޕޯޓުގެ އެރައިވަލް ޓާމިނަލުގައި އިމިގްރޭޝަން ކަންކަން ނިންމުމަށާއި ލަގެޖް ނެގުމަށް ގަޑިއެއްހާއިރު ނުވަތަ އެއަށް ވުރެ ގިނަ އިރު ހޭދަކުރެއެވެ.

ސައުދީ އަރަބީއްޔާއިން މިއިންތިޒާމު ހަމަޖެއްސުވުމާއެކު މިހާތަނަށް ރާއްޖޭގެ ދެ ގްރޫޕެއް، މި އިނީޝިއޭޓިވްގެ ދަށުން ހައްޖަށް ވަނީ ގޮސްފައެވެ. މިކަމާއި ގުޅޭގޮތުން އިސްލާމީ ކަންތައްކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ދިވެހި ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖެއިން ހައްޖަށްދާ މީހުން ދާނީ މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އިނީޝިއޭޓިވްގައި ޤައުމުތައް ހިމަނަނީ މަދުވެގެން 20،000 ހައްޖުވެރިން އެ ޤައުމަކުން ދާ ނަމައެވެ. ނަމަވެސް ދިވެހި ރާއްޖެއަށް ސައުދީ ސަރުކާރުން މިކަމުގެ އިސްތިސްނާ ދެއްވައި މިކަމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސަވާފައެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިއީ ސައުދީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ދެއްވި ހަދިޔާއެއް ކަމަށެވެ.