ޚަބަރު

އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި އިބާދުﷲ އާއި ޒިވާ ރަނގަޅު ޕާފޯމަންސެއް ދައްކައިފި


ކޮރެއާގެ ޖޫމީގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެއިން ވާދަކުރާ އިބާދުﷲ އާދަމް، ފިރިހެނުންގެ 100 މީޓަރު ދުވުމުން ފުރަތަމަ ބުރުގެ ހީޓް އެކެއްގައި ވާދަކޮށް ރަނގަޅު ކާމީޔާބީއެއް ހޯދައިފިއެވެ.

ރޭހުގެ ހަވަނައަށްދިޔަ އިބާދުﷲ ވަނީ މި މުބާރާތުގައި މިއަހަރުގެ އެންމެ ރަނގަޅު ޓައިމިން ހަދާފައެވެ. އޭނާ ރޭސް ނިންމީ 10.78 ންނެވެ.

މި މަހުގެ 27 އިން 31 ގެ ނިޔަލަށް ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި އިބާދުﷲގެ އިތުރުން ރާއްޖޭން ވާދަކުރަނީ ޒިވާ މޫސާ ޝަފީއުއެވެ. ޒިވާވެސް ވަނީ މި މުބާރާތުގައި އޭނާގެ ޕާސަނަލް ބެސްޓް ރިކޯޑް އައުކޮށްފައެވެ. އޭނާ މި ރިކޯޑް އައުކުރީ އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް 12.40 ން ރޭސް ނިންމައިގެންނެވެ. ފުރަތަމަ ބުރުގެ ތިންވަނަ ހީޓުން ޒިވާއަށް ލިބިފައިވަނީ ހަތްވަނައެވެ.

މި މުބާރާތަށް އެތުލީޓުން ހޮވާފައިވަނީ ޓައިމް ޓްރަޔަލްތަކަކަށްފަހު އެންމެ މަތިން ޕޮއިންޓް ހޯދި އެތުލީޓުންނަށް ފުރުސަތުދީގެންނެވެ. މިމުބާރާތުގައި މީގެ ކުރިންވެސް ދިވެހި އެތުލީޓުން ބައިވެރިވެ ރަނގަޅު ނަތީޖާތައް ހޯދިއެވެ.

އިބާދުﷲ އާއި ޒިވާ މި މުބާރާތަށް ފަރިތަކޮށްފައިވަނީ ސީނިއަރ އެތުލެޓިކްސް ޓީމުގެ ސްޕްރިންޓް ކޯޗު، ހުސެއިން ހަލީމްގެ އިރުޝާދުގެ ދަށުންނެވެ. އިބާދުﷲ އަދި ޒިވާ އަކީ "އަރުތަ" ސްކޮލަޝިޕްގެ ދަށުން ޖެމެއިކާގައި ޓްރެއިނިން ހަދަމުންދާ ދެ އެތުލީޓުންނެވެ. އެހެންނަމަވެސް މި މުބާރާތަށް ދިއުމަށް މި ދެ އެތުލީޓުންވެސް ތަމްރީނުތައް ހެދީ ރާއްޖޭގައެވެ.

ރާއްޖޭގެ ބާރުދުވުންތެރިޔާ އިބާދުﷲ ވަނީ މިދިޔަ އަހަރު ކުރިއަށްދިޔަ ޕެރިސް އޮލިމްޕިކްސްގައިވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ. މީގެ އިތުރުން ޒިވާއަކީވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގެ ގިނަ ތަޖުރިބާތަކެއް ލިބިފައިވާ އެތުލީޓެކެވެ. އޭގެ ތެރޭގައި، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އެ އަހަރު ޗައިނާގައި ބޭއްވި، އޭޝިއަން ގޭމްސް ހިމެނެއެވެ.