ޚަބަރު

"ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް ނިއު ރޭޑިއަންޓާ ގުޅޭނެ، ދެން ނުކުންނާނީ މާ ވަރުގަދަކޮށް"


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށްގެންދާ ލީގު ކަޕް 2025 އަށްފަހު ނިއު ރޭޑިއަންޑް ސްޕޯޓްސް ކުލަބަށް ގައުމީ ފެންވަރުގެ ކުޅުންތެރިންތަކެއް ގުޅޭނެ ކަމަށާއި، ދެން އޮންނަ މުބާރާތަކަށް ނުކުންނަނީ މިއަށްވުރެ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ.

"ޕީއެސްއެމް ނިއުސް" އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސޮބާހު ބުނީ ލީގު ކަޕްގައި ނިއު ރޭޑިންޓް ޕޮއިންޓް ތާވަލުގެ ދެވަނައަށް އެރުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މި މުބާރާތުގެ އަލީގައި ނިއުއަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި މި ވަގުތު ބޭނުން ނުކުރެވޭ ކުޅުންތެރިން ދޫކޮށްލާނެ ކަމަށާއި، ކުރިޔަށް އޮތްތަނުގައި ސްކޮޑަށް އައު ކުޅުންތެރިން ގެންނާނެ ކަމަށެވެ.

"އިތުރު ކުޅުންތެރިންތަކެއް ޖޮއިން ކުރާނެ. ގައުމީ ލެވެލްގެ ކުޅުންތެރިން ބައިވެރިވާނެ. ނިއުރޭޑިއަންޓު މި ފެއްޓީ. އިތުރަށް ތައްޔާރުވެ ދުރާލާ ތައްޔާރުވެގެންނޭ ދެން ނިކުންނާނީ." ސޮބާހް ބުންޏެވެ.

ސޮބާހު ބުނީ ނިއުރޭޑިއަންޓުން ކުރިން ވިސްނާފައި އޮތީ ލީގު ކަޕުގައި ބައިވެރިނުވާން ކަމަށާއި، މުބާރާތުގައި ބައިވެރިވާން މެނޭޖުމެންޓުން ނިންމީ ކުއްލިއަކަށް ކަމަށެވެ.

ލީގު ކަޕްގައި ނިއުއިން ހޯދި ކާމިޔާބީއަށް ކުޅުންތެރިންނާއި މެނޭޖްމެންޓަށް މަރުހަބާ ކިޔާ ކަމަށާއި، މުބާރާތުގައި ތަފާތު ފެނިގެން ދިޔަކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން މުބާރާތުގައި އޮޑި ސްޕޯޓްސް ކުލަބު ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބު ބަލިކުރެވުމަކީވެސް ކާމިޔާބީއެއް ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

މި މިބާރާތަށް ނިއުއިން ނިކުތީ ދިހަވަރަކަށް ދުވަހުގެ ޕްރެކްޓިސްއަށްފަހު ކަމަށާއި، ވަގުތު އޮވެގެން ތައްޔާރުވިނަމަ މިއަށްވުރެ ރަނގަޅުވާނެ ކަމަށް ސޮބާހު ފާހަގަ ކުރިއެވެ. ސެމީ ފައިނަލާ ހަމައިން އެފްއޭއެމް ލީގު ކަޕުން ނިއު ކެޓިއިރު މުބާރާތުގެ ފުރަތަމަ މެޗަށް މާޒިޔާ އާއި ދެކޮޅަށް ކުޅެން ނިކުތްއިރު އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކާއި ބައްދަލުނުވާ ބައެއް ކުޅުންތެރިންވެސް ތިބި ކަމަށް ނިއުގެ ކޯޗް ފާހަގަ ކުރިއެވެ.

ސެމީ ފައިނަލްގައި އޮޑި އާއި ބައްދަލުކުރި މެޗުގެ ވާހަކަ ދައްކަމުން ސޮބާހު ބުނީ އެ މެޗުގައި ބަލިވިނަމަވެސް ކުޅުންތެރިންނަށް ލެވޭ ހުރިހާ ހިތްވަރެއްލީ ކަމަށެވެ. އެ މެޗުގައި ނިއުއިން ލީޑު ނަގައިގެން ކުޅެމުންގޮސް 60 ވަނަ މިނިޓާއި ހަމައިން ކުޅުން ދަށްވިކަން ފާހަގަ ކުރަމުން ސޮބާހު ބުނީ ނިއުރޭޑިއަންޑަށް ކުރިއަށް ޖައްސާނުލެވި ފަހު ވަގުތު އޮޑިން ލީޑު ނެގިތަން ފެނުނީ އޮޑީގެ ކުޅުންތެރިންގެ ކޮންޑިޝަން ރަނގަޅުވީމަ ކަމަށެވެ.

އަދި ފަރިތަކުރާނެ ވަގުތު ދީފަ މި މުބާރާތުގައި ބައިވެރިވާން ލިބުނުނަމަ ނިއުރޭޑިއަންޓް މިއަށްވުރެ ތަފާތުވާނެ ކަމަށާއި، ދެން ކުރިޔަށް އޮތް ތަނުގައި ނިއު ފެންނާނީ މާ ވަރުގަދަކޮށް ކަމަށް ސޮބާހު ބުންޏެވެ.

ނިއުރޭޑިއަންޓުން މަސައްކަތް ކުރަމުން އަންނަނީ ކުރިން އެޓީމު އޮތް މަގާމަށް، ރާއްޖޭގެ އެއްވަނަ ޑިވިޝަނަށް އަނބުރާ އައުމަށެވެ. ނިއުގެ ސްކޮޑް ވަރުގަދަ ކުރުމަށް ރާއްޖޭގެ ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަނގަޑޭ) އެ ކުލަބަށް ގެނައުމަށްވެސް ނިއުއިން ވަނީ ނިންމާފައެވެ.

ދެވަނަ ޑިވިޝަނުގައި މި ވަގުތު އޮތް ޓީމާއި އައު މެނޭޖުމެންޓަކުން ހަވާލުވެފައިވާއިރު ނިއުގެ އަމާޒަކީ ސަޕޯޓަރުންނާއެކު އަލުން ގަލޮޅު ދަނޑަށް ދިރުން ގެނެސް އަނެއްކާވެސް ރާއްޖޭގެ އެންމެ ވަރުގަދަ ކުލަބަށް އެ ކުލަބު ހެދުމަށެވެ.

ނިއުރޭޑިއަންޓަކީ 90ގެ އަހަރުތަކުން ފެށިގެން ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އެންމެ ކާމިޔާބު އެއް ކުލަބެވެ. އަދި ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންވެސް އޭރު ތިބީ އެ ކުލަބުގައެވެ. އޭގެ ތެރޭގައި މިހާރުގެ ކޯޗު ސޮބާހު އާއި ރާއްޖޭގެ އެއް ނަމްބަރު ގޯލު ކީޕަރު އިމްރާން މުހައްމަދާއި، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ފަދަ ކުޅުންތެރިން ހިމެނެއެވެ.