ރާއްޖޭގައި ދެން ފުޓްބޯޅަ ކުރިއެރުވޭނީ ހޯމް އެންޑް އަވޭ އުސޫލަށް ރަށްރަށުގެ ޓީމުތަކާއެކު ލީގު ކުޅެވޭގޮތް ވެގެން ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރު އަދި ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.
ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރާއްޖޭ ފުޓްބޯޅައިގެ ހާލަތާއި ގުޅޭގޮތުން ވާހަކަ ދައްކަމުން މޯހަން ބުނީ މިހާރު މިވަނީ ކަންތައްތައް ވަރަށް ބޮޑަށް ބަދަލުވެފައި ކަމަށާއި، ފުޓްބޯޅަ ބަދަލު ނުކުރެވި އޮތުން އެއީ ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށެވެ.
"ފުޓްބޯޅަ ބަދަލު ނުކުރެވި އޮތުން އެއީ އެންމެ ބޮޑު ގޮންޖެހުން އަޅުގަނޑުމެންނަށް ދިމާވި. މިހާރު ގަލޮޅު ދަނޑުގައި ފުޓްބޯޅަ ކުޅެގެން ސަޕޯޓަރުން ވެއްދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. ނޫނީ ވާނެ ކަމަކަށްވެސް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި ހަމަ މިޖެހެނީ ރަށްތަކުގެ ޓީމުތަކާއެކީގައި. އެއް ކަމަކީ މާލޭގައި ކުޅެން ވިޔަސް. އަޅުގަނޑަށް ހަމަ އެންމެ ބޮޑަށް ގަބޫލުކުރެވޭ ގޮތަކީ ހޯމް އެންޑް އަވޭ އުސޫލަށް" ކުޅުން ކަމަށް މޯހަން ބުންޏެވެ.
މޯހަން ބުނީ ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކުރާނަމަ ބައިވަރު ކަންތައްތަކެއް ކުރަން ހުންނާނެ ކަމަށާއި ބައިވަރު ގަވާއިދުތައްވެސް ހަދަން ޖެހޭނެ ކަމަށް ޤަބޫލުކުރާ ކަމަށެވެ. އެހެންނަމަވެސް ކުއްލިއަކަށް އެ ބަދަލު ނުގެނެވުނަސް މަޑުމަޑުން ބަދަލުތައް ގެންނަމުން ދިގު މުއްދަތުގެ ޕްލޭނަކާއެކު އުސޫލު ބަދަލުކޮށްފިނަމަ ފުޓްބޯޅައިގައި އިހު އޮތް ފޯރި އަލުން ގެނެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށް އޭނާ ބުންޏެވެ.
"ދެން އަންނަ ބަޔަކު އަޅުގަނޑު އުންމީދު ކުރަނީ އެކަހަލަ ޕްލޭނަކާއި އެކީ އަންނާނެ ކަމަށް. ރަށްރަށުގެ ޓީމުތައް މި ލީގަށް އައިސް ކޮންމެވެސް ވަރަކަށް ބަދަލުވެގެން ހޯމް އެންޑް އަވޭ ފެށިގެންގޮސް މަޑުމަޑުން 10 ވަރަކަށް އަހަރެއްގެ ޕްލޭނެއްގެ ދަށުން ނަމަވެސް" ފުޓްބޯޅަ ކުޅޭ ފޯމެޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް މޯހަން ބުންޏެވެ.
ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމުގެ ހިންގުމުގައި ދިމާވި މައްސަލަތަކެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ބައެއް ވެރިންގެ މައްޗަށް ހިޔާނާތުގެ ބޮޑެތި ތުހުމަތުތައް ކުރެވި ކޯޓުތަކުގައި މައްސަލަތައް ހިނގަމުން އަންނަ އިރު އަދިވެސް އެފްއޭއެމްގެ އިންތިހާބު ނުބޭއްވި ދިގުލައިގެން ދިއުމާއި ގުޅިގެން މުބާރާތްތައް ރާވާ އިންތިޒާމުތައް ހަމަޖެއްސުމުގައިވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.
ދެ ފަހަރެއްގެ މަތިން އެފްއޭއެމްގެ އިންތިހާބު ބާއްވަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދިވެސް އިންތިހާބު ނުބޭއްވި އޮތް އިރު މިހާރު އެފްއޭއެމްގެ ވަގުތީ ހިންގާ ކޮމިޓީގެ ދައުރު އަންނަ ޖުލައި މަހު ހަމަވާނެއެވެ.