މި މަހުގެ 24 އިން 25 އަށް ސްރީ ލަންކާގައި ކުރިއަށްދިޔަ 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި އެއްވަނަ ރާއްޖޭން ހޯދައިފިއެވެ.
ފަސް ގައުމަކުން 700 އެތުލީޓުން ވާދަކުރި މި މުބާރާތުގެ އެއްވަނަ ރާއްޖޭގެ ޓީމަށް ލިބިފައިވަނީ މުޅި ޓީމުގެ ޕާރފޯމަންސަށް ބެލުމަށްފަހު އެންމެ މަތިން ޕޮއިންޓު ހޯދާފައިވާތީއެވެ.
ވަރަށް ވާދަވެރިކޮށް ކުރިއަށްދިޔަ މިމުބާރާތުގައި ރާއްޖޭގެ މާސްޓަރސް އެތުލެޓިކްސް ކުލަބުގެ 6 އެތުލީޓަކު ރާއްޖެ ތަމްސީލުކޮށް ވަނަތަކެއް ހޯދާފައިވެއެވެ.
މިއީ މިފަދަ މުބާރާތެއްގައި ރާއްޖޭގެ ޓީމުން ވާދަކުރި ފުރަތަމަ ފަހަރެވެ. މާސްޓާސް އެތުލެޓިކްސް ކުލަބުން ބުނީ އެކުލަބުން މަސައްކަތްކުރާނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މުބާރާތްތައް ޤައުމީ ފެންވަރުގައި އިންތިޒާމުކޮށް، އެތުލީޓުން އުފައްދާ އެފަރާތްތަކަށް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.
މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕު ބާއްވާފައިވަނީ ކޮލޮމްބޯގެ ސުގަތަދަސާ ސްޓޭޑިއަމްގައެވެ. ރާއްޖޭގެ ޓީމުން ހޯދި ފަޚުރުވެރި މިކާމިޔާބީތަކާއެކު، އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގައެވެ.