ސްރީ ލަންކާގައި ބޭއްވި 11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ ނާފިޒާ އަޙްމަދު ރަން މެޑެލް ހޯދައިފިއެވެ.
އޭނާ ރަން މެޑެލް ހޯދާފައިވަނީ 1500 މީޓަރު ހީޓުގައި ވާދަކޮށްގެންނެވެ. މިއީ މި މުބާރާތެއްގައި ރާއްޖެއިން ވާދަކުރަމުންދާ ފުރަތަމަ ފަހަރެވެ. މި މުބާރާތުގެ 45 އަހަރުންމަތީގެ ކެޓަގަރީގެ 100 މީޓަރު ހީޓުގައި ދުވެގެން ރާއްޖޭގެ އަލީ ޝަރީފްވެސްވަނީ ރަން މެޑައްޔެއް ހޯދާފައެވެ.
އަދި 55 އަހަރުން މަތީގެ ފިރިހެން ކެޓަގަރީގެ 200 މީޓަރު ރޭސް ނިންމައިގެން ރާއްޖޭގެ މުހައްމަދު އާމިރު ވަނީ ރިހިމެޑަލް ހޯދާފައެވެ.
ކޮލޮމްބޯގެ ސުގަތަދަސާ ސްޓޭޑިއަމްގައި މެއި މަހުގެ 24 ން 25 އަށް ކުރިއަށް ދިޔަ މި މުބާރާތުގައި ޖުމްލަ ފަސް ގައުމަކުން ހަތް ސަތޭހަ އެތުލީޓުން ވާދަކުރިއެވެ.
11 ވަނަ މާސްޓަރސް އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކޮށްފަވަނީ ހަ އެތުލީޓުންނެވެ. އެއީ ދާދި ފަހުން އުފެދުނު މާސްޓަރސް އެތުލެޓިކްސް ކުލަބުގެ ފަރާތުން ވާދަކުރި ހަ އެތުލީޓެކެވެ.
މާސްޓަރސް އެތުލެޓިކްސް ކުލަބުން ބުނީ ސްރީލަންކާގައި ބޭއްވި މި މުބާރާތަކީ ވަރަށް ވާދަވެރިކަމާއެކު ކުރިއަށް ދިޔަ މުބާރާތެކެވެ. މާސްޓަރސް އެތުލެޓިކްސް ކުލަބުން ކުރިއަށް އޮތްތަނުގައިވެސް މަސައްކަތްކުރާނީ މިފަދަ މުބާރާތްތަކުގައި ވާދަކޮށް ގިނަ މެޑަލްތަކެއް ރާއްޖެއަށް ގެނެސްދިނުމަށް ކަމަށް އެ ކުލަބުން ބުނެއެވެ.
ފަހުރުވެރި ގިނަ ކާމިޔާބީތަކަކާއެއެކު ރާއްޖޭގެ ޓީމުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.