އިނގިރޭސި ޕްރިމިއަރ ލީގުގެ މި ސީޒަނުގެ ފަހު މެޗުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީން ހޯދައިފިއެވެ.
މި މެޗުން ޗެލްސީ މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ލީގުގައި ކުޅުނު 38 މެޗުން 69 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނަ މަގާމް ލިބިފަ އެވެ. އާސެނަލް އަށް ދެވަނަ މަގާމް ލިބިފައިވާއިރު މެންޗެސްޓަރ ސިޓީ ވަނީ ރޭ 2-0 ގެ ނަތީޖާއަކުން ރަށުން ބޭރުގައި ފުލަމް ބަލިކޮށް ތާވަލުގެ ތިންވަނަ މަގާމް ހޯދާފަ އެވެ.
ނޮޓިންހަމް ފޮރެސްޓްގެ ސިޓީ ގްރައުންޑުގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ނޮޓިންހަމް ފޮރެސްޓް އިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ޗެލްސީގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އަނެއްކޮޅުން މި މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީއަށް އިދިކޮޅު ޓީމުގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލައެއްވެސް އުފެއްދިފައެއް ނުވެއެވެ.
މި މެޗުން މޮޅުވެގެން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު ދެ ޓީމަށްވެސް އޮތްއިރު ނޮޓިންހަމް ފޮރެސްޓް މި މެޗުން ބަލިވުމާއިއެކު އެ ޓީމަށް ލިބިފައިވާ 65 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތްވަނަ މަގާމުގަ އެވެ. އަދި އެ ޓީމަށް ޔޫއެފާ ކޮންފަރެންސް ލީގުގެ ޕްލޭއޮފްގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓުގައި ޗެލްސީ އަށް ކާމިޔާބުކޮށްދީފައިވަނީ ޑިފެންޑަރ ލެވީ ކޮލްވިލް އެވެ.
ސީޒަނުގެ މެދުތެރޭގައި ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިފައިވާ ފޮރެސްޓަށް ވަނީ ލީގުގެ ފަހުކޮޅު ކުޅުނު މެޗުތަކުން އެދެވޭ ނަތީޖާތަކެއް ނުހޯދިފަ އެވެ.
ފޮރެސްޓް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ޗެލްސީ އިން ހޯދާފައިވާއިރު މި ސީޒަނުގައި ޗެލްސީ ކުޅޭ ފަހު މެޗުގައި އަންނަ ބުދަ ދުވަހު އެ ޓީމު ނިކުންނާނީ ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ސްޕެއިންގެ ރެއާލް ބެޓިސް އާއި ދެކޮޅަށެވެ.