އުރުދުންގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފޮނުއްވަވައިފިއެވެ.
އުރުދުންގެ މިނިވަން ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމިޑިއާގައި ކުރެއްވި ޕޯސްޓުގައިވަނީ އުރުދުންގެ ރަސްގެފާނު ޢަބްދުﷲ އަށާއި ބޮޑުވަޒީރު ޑރ. ޖަފަރު ހަސަންއަށާއި އެޤައުމުގެ ރައްޔިތުންނަށްވަނީ، ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ. އަދި އުރުދުންގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖެއާއި އުރުދުންއާ ދެމެދު އޮތް ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެ، ދެ ޤައުމަށްވެސް ފައިދާކުރަނިވި ގުޅުމަކަށް މި ގުޅުން ބަދަލުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އުރުދުންގެ މިނިވަން ދުވަސް ފާހަގަކުރަނީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުން ނިމުމަކަށް ގެނެސް 1946 ވަނަ އަހަރު ލަންޑަން ޓްރީޓީގެ ދަށުން މިނިވަން ޤައުމެއްގެ ގޮތުގައި އެ ޤައުމުގެ ކަނޑައެޅުމާއި ގުޅިގެންނެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މޭއި މަހުގެ 25 ވަނަ ދުވަސް ފާހަގަކުރަނީ އުރުދުންގެ މިނިވަން ދުވަހުގެ ގޮތުގައެވެ.