ކުޅިވަރު

އަންޗެލޮޓީ ވާހަކަދައްކަން ފެށުމުން ޕެރޭޒަށްވެސް ރޮވިއްޖެ


ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް އަތުން 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވި މެޗުގެ ރެފުރީގެ ފަހު ކަށިގަނޑާއެކު ފެށުނީ ކޯޗު ކާލޯ އަންޗެލޮޓީގެ ވަދާއީ ހަފުލާއެވެ. ރެއާލްގެ ދަނޑު ކަމަށްވާ ސެންޓިއާގޯ ބާނަބައުގައި ތިބި އެތައް ހާސް ސަޕޯޓަރުން ކޮޅަށް ތެދުވެ، އޭނާއަށް ތައުރީފް އަތްތިލަބަޑި ޖަހަމުންދިޔަ އެވެ. މި މަންޒަރު ބަލަން ޓީވީ ދޮށުގައި ތިބި އެތައް ބަޔަކުވެސް ތިބީ ފެންކަޅިވެފައެވެ.

އާއިލާއެކު ދަނޑުގެ މެޗަށް ގޮސް ހުރެ އަންޗެލޮޓީ މައިކް ހިފައިގެން ވާހަކަ ދައްކަން ފެށުމާއެކު ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒަށްވެސް އެންމެ ފަހުން ރޮވިއްޖެ އެވެ. ކުލަބުގެ ޕްރެޒިޑެންޝަލް ސުއިޓްގައި މެޗު ބަލަން އިންނެވި ރައީސް ޕްރޭޒަށް އަންޗެލޯޓީ ޝުކުރު އަދާކުރިއެވެ.

"އަހަރެން ޕެރޭޒަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން މި ކުލަބަށް ކޯޗުކޮށްދޭން އަހަރެންނަށް ފުރުސަތު ދިނުމުން. މިއީ ވަރަށް ހާއްސަ ދުވަސްތަކެއް. މި ކުލަބުގައި ހޭދަކުރި ކޮންމެ ވަގުތަކީ ވެސް އުފަލުގައި ހޭދަކުރި ދުވަސްތަކެއް. އަހަރެން ވާނީ އަބަދުވެސް ރެއާލް މެޑްރިޑްގެ ސަޕޯޓަރަކަށް،" އަންޗެލޮޓީ ބުންނެވެ.

އޭނާ ވާހަކަ ފަށަމުން ބުނީ ވަދާއީ ހަފުލާގައި ވާހަކަ ދެއްކުމަކީ ފަސޭހަކަމެއް ނޫންކަން އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ.

"ގުޑް އާފްޓަނޫން. އެކަކު ވެސް ހީކޮށްގެން ނުވާނެ މި ވަގުތު މިތަނުގައި ހުރެ ވާހަކަ ދައްކަން ފަސޭހަވާނެ ކަމަށް. މި ކުލަބަށް ކޯޗުކޮށްދިނުމަކީ ވަރަށް ބޮޑު ޝަރަފެއް އަދި ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މި ޓީމުގައި ތިބި ކުޅުންތެރިންނަށް ކޯޗުކޮށްދިނުމަކީ ހާއްސަ ކަމެއް. މި ކުލަބާއެކު މި ހޭދަކުރި ދުވަސްތައް ވަރަށް ވެސް ފުރިހަމަ،" އަންޗެލޮޓީ ބުންޏެވެ.

ވާހަކަ ދައްކަމުންދިޔަ އިރު ދޭތެރެ ދޭތެރެއިން އަންޗެލޮޓީ ދިޔައީ ރޮމުންނެވެ.

"އަހަރެން މި ކުލަބުގައި ކަލޭމެންނާއެކު ހުރެ މި ލިޔުނު ވާހަކަ އަކީ ވަރަށް އާދަޔާ ހިލާފު ވާހަކަ އެއް. ހަނދާނުން ނުފިލާނެ ވާހަކަ އެއް. އެއްވެސް މީހަކު (ފްރާންސްގެ ފޯވާޑް ކަރީމް) ބެންޒެމާ ޕީއެސްޖީ ކޮޅަށް ޖެހި ގޯލުގެ މަތިން ހަނދާނެއް ނުނެތޭނެ. އެކަކު ވެސް ހަނދާނެއް ނުނެތޭނެ (ބްރެޒިލްގެ ފޯވަޑް) ރޮޑްރީގޯ މެންޗެސްޓާ ސިޓީ ކޮޅަށް ޖެހި ގޯލު. އަދި އެކަކު ވެސް ހަނދާނެއް ނުނެތޭނެ ޗެލްސީއާ ދެކޮޅަށް ލޫކާ މޮޑްރިޗްގެ ކުރި ޕާސްތައް. އަދި ހަމައެހެންމެ ބަޔާން މިއުނިކް ކޮޅަށް ހޮސެލޫ ޖެހި ދެ ގޯލު އެކަކު ވެސް ހަނދާނެއް ނުނެތޭނެ. މި ކުލަބުގައި އަހަރެން ހޭދަކުރި އެންމެ ދުވަހެއް ވެސް އަހަރެން ވެސް ހަނދާން ނުނެތޭނެ. ދެން ބުނާނެ އެއްޗެއް ނެތް. ކުރި އަށް ރެއާލް މެޑްރިޑް. އަހަރެން ވަރަށް ލޯބިވޭ،" އަންޗެލޮޓީ ބުންޏެވެ.

އިޓަލީގެ ކޯޗު އަންޗެލޮޓީ ވަނީ ރެއާލް އަށް ދެ ފަހަރެއްގެ މަތީން ކޯޗުކޮށްދީ 15 ތަށި ހޯދައިދީފަ އެވެ. އޭނާ އަކި ޔޫރަޕުގެ އެންމެ ކާމިޔާބު އެއް ކުލަބު ކޯޗެވެ. ޖުމުލަ ފަސް ފަހަރު ޗެމްޕިއަންސް ލީގު ހޯދި ހަމައެކަނި ކޯޗެވެ. މީގެ ތެރެއިން ތިން ފަހަރު ތަށި ހޯދީ ރެއާލްގައެވެ. އަނެއް ދެ ފަހަރު އޭސީ މިލާނުގަ އެވެ.

ޗެލްސީ އާއި ބަޔާން މިއުނިކް އަދި ޕީއެސްޖީ އާއި އެވަޓަން އަށްވެސް ކޯޗުކޮށްދިން އަންޗެލޮޓީ ރެއާލް ދޫކޮށްލީ މި ސީޒަނުގައި ތައްޓެއް ނުލިބި ހުސްއަތާ ނިންމާލަން ޖެހުމުންނެވެ. އޭނާ ބުނީ ކުލަބުން އެހެން ގޮތެއް ބޭނުންވީ ކަމަށެވެ. އަދި ދެން ދުވަހަކު ވެސް ރެއާލްގެ ކޯޗަކަށްނުވާނެ ކަމަށެވެ.

ރެއާލް އަށް ފަހު އަންނަ މަހު އޭނާ ހަވާލުވާނީ ބްރެޒިލްގެ ގައުމީ ޓީމާ އެވެ. އަންޗެލޮޓީ ވާނީ ދުނިޔޭގެ އެންމެ ކާމިޔާބު ގައުމީ ޓީމާ ހަވާލުވާ ބިދޭސީ ފުރަތަމަ ކޯޗަށެވެ.